23 މާޗް 2025 - 09:08

މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާ ކުރެވިގެން ވެ އެވެ. މާތް ނަބިއްޔާ ﷺ ހަދީސް ކުރެއްވި އެވެ. "ތިޔަބައިމީހުންގެ ދަރިންނަށް އެންމެ ފުރަތަމަ އިވޭ ކަލިމަ އަކީ لَا إِلَهَ إِلاَّ الله ކަމުގައި ހަދާށެވެ!. އަދި މަރުވާ ހިނދު އެ މީހުންނަށް لَا إِلَهَ إِلاَّ الله ތަލްޤީނު ކޮށްދޭށެވެ!" (އަލްޙާކިމް)
މި ހަދީސްގައި މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވަނީ ކޮންމެ މީހަކަށް ވެސް ދަރިޔަކު ލިބޭއިރު، އެ ދަރިފުޅަށް މި ދުނިޔެމަތިން އެންމެ ފުރަތަމަ އިވޭ ކަލިމައަކީ ތައުޙީދުގެ ކަލިމަ، އެބަހީ "ﷲ ފިޔަވައި، ހައްގު، އިލާހަކު ނުވާ" ކަން ކަށަވަރު ކުރުމުގެ ކަލިމަ ކަމުގައި ހެދުމަށެވެ. ހަމައެފަދައިން އިންސާނަކު ދުނިޔެއިން ވަކިވެގެންދާ ހިނދު އެންމެ ފަހުން އެ މީހެއްގެ ދުލުން ބޭރުވާ ނުވަތަ އެންމެ ކުޑަމިނުން އޭނާ ހަނދާނަށް ގެންނަ ކަލިމަ އަކީ ވެސް ހަމަ ތައުޙީދުގެ މި ކަލިމަ ކަމުގައި ހެދުމަށެވެ. މިކަމަށްޓަކައި ދަރިފުޅު އުފަންވީ ވަގުތުން ފެށިގެން އޭނާގެ މުޅި ހަޔާތް އެއްކޮށް މި ކަލިމައިގެ މަތީގައި ދެމިހުރުމަށް ދަސްކޮށްދޭން ޖެހެ އެވެ. އަދި މަރުވާ ހިނދު މި ކަލިމަ ކިޔަން ހަނދާންކޮށްދޭން ޖެހެ އެވެ. ހާލަތުގެ ގޮތުން ހަނދާނަށް ނުގެނެވިއްޖެ ނަމަ އެ ކަލިމަ ތަލްޤީނު ކޮށްދީގެން (ލައިދީގެން) ވިޔަސް އެންމެ ފަހު ކަލިމަ އަކީ އެއީ ކަމުގައި ހަދަން ޖެހެ އެވެ.
އިންސާނެއްގެ ދިރިއުޅުމުގެ ހަޔާތް ތައުޙީދުގެ ކަލިމައިން ފެށުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އެއް ސަބަބަކީ އިންސާނަކު އެ ފިތުރަތެއްގެ މަތީގައި ދުނިޔެ އަށް އުފަންވާ ފިތުރަތު ދެމެހެއްޓުމެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީސެއްގައިވާ ގޮތުން ކޮންމެ ދަރިޔަކު ވެސް އުފަންވަނީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކުރާ ފިތުރަތު ނުވަތަ ތަބީއަތުގެ މަތީގަ އެވެ. އެކަމަކު އޭނާ ފަހުން ޔަހޫދީ އަކަށް ނުވަތަ ނަޞާރާ އަކަށް ނުވަތަ މަޖޫސީ އަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ. (ބުޚާރީ އާއި މުސްލިމް).
ދެވަނަ ސަބަބަކީ އިންސާނާ އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭ ހަގީގަތަކީ ވެސް ﷲ ވޮޑިގެންވާ ކަމާއި އެކަލާނގެ އެއްކައުވަންތަ ކަން ކަމުގައި ވުމެވެ. ކީރިތި ޤުރްއާނުގެ މުޙައްމަދު ސޫރަތުގެ 19 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. "ފަހެ ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!".
ތިންވަނަ ސަބަބަކީ ދަރިންނަށް ކުރާ ވަސިއްޔަތުގައި ވެސް އެންމެ ފުރަތަމަ ކަމަކަށް މިކަން ކުރަން ޖެހުމެވެ. ލުޤުމާނުގެފާނު ވެސް އެކަލޭގެފާނުގެ ދަރިކަލުންނަށް ވަސިއްޔަތް ކުރެއްވި ހިނދު އެކަން ފެއްޓެވީ ތައުޙީދު ނަފީ ނުކުރުމަށް، އެބަހީ ﷲ އަށް ޝިރުކު ނުކުރުމަށް، އަމުރު ކުރައްވަމުންނެވެ. އެއީ ޝިރުކަކީ ބޮޑުވެގެންވާ އަނިޔާވެރި ކަމެއް ނުވަތަ ކުފުރެއް ކަމުގައި ވާތީ ކަމަށެވެ. (ލުޤުމާން 13).
އިންސާނެއްގެ ދިރިއުޅުމުގެ ހަޔާތް ތައުޙީދުގެ ކަލިމައިން ނިންމުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މީގެ އެއް ސަބަބަކީ ތައުޙީދުގެ ކަލިމަ އަކީ މީހާ ސުވަރުގެ އަށް ވަނުމަށް އޮތް ތަޅުދަނޑިއެއް ކަމުގައި ވުމެވެ.
ނަބިއްޔާ ﷺ ގެ ހަދީސްފުޅެއްގައި ވެ އެވެ. "އެ މީހެއްގެ އެންމެ ފަހު ބަހަކީ ތައުހީދުގެ ކަލިމަ ކަމުގައިވާ ނަމަ އެ މީހަކު ސުވަރުގެ ވަންނަ ހުއްޓެވެ." (އަބޫ ދާއޫދު).
ދެވަނަ ސަބަބަކީ މީހަކު މަރުވަމުންދާ ހިނދު އޭނާގެ އެންމެ ފަހު ކަލިމަ އަކީ މި ކަލިމަ ކަމުގައި ވާ ނަމަ އޭނާ އަށް އުޖާލާކަން ލިބި މަރުވުމުގެ ސަކަރާތުން ސަލާމަތް ވެވޭ ކަމަކަށް ވުމެވެ. ޝަހާދަތް ތަލްޤީނު ކޮށްދިނުމަށް ނަބިއްޔާ ﷺ އަމުރު ކުރައްވަމުން އެކަލޭގެފާނު ބަޔާން ކުރައްވަނީ އެ މީހާ މަރުވާ ހިނދު އެ ކަލިމަ ކިޔައިފި ނަމަ އޭނާ އަށް އަލިކަމާއި އުޖާލާކަން ލިބޭނެ ކަމަށެވެ. އަދި އޭނާ އަށް އަށް ކުރިމަތިވާ ދަތިތަކުން މިންޖު ވެވޭނެ ކަމަށެވެ (އަޙުމަދު).
ތިންވަނަ ސަބަބަކީ މިކަމަކީ މާތް ނަބިއްޔާ އާއި އަޞްޙާބުން އަމަލީ ގޮތުން ކުރެއްވެވި ކަމެއް ކަމުގައި ވުމެވެ. މިގޮތުން އަބޫ ސުފްޔާނު ބުނުލްޙާރިސް މަރަށް ތައްޔާރުވެ އޮތް ވަގުތު ޞަހާބީން ތަލްޤީނު ކޮށްދެއްވި އެވެ.
ތަލްޤީނު ކޮށްދޭ އިރު މަރަށް ތައްޔާރުވެފައިވާ މީހާގެ ކައިރީ ސީދާ ކިޔަން ބުނުމުގެ ބަދަލުގައި މަޑުމައިތިރި ކަމާ އެކު، އޭނާގެ ގާތުގައި އެ ކަލިމަ ކިޔަމުން ގެންދާނީ އެވެ. އެއްފަހަރު ނަމަވެސް އޭނާ އެ ކަލިމަ ކިޔައިފި ނަމަ ދެން ތަކުރާރު ކުރާނެ ކަމެއް ނެތެވެ. ނަމަވެސް ހާލަތުގެ ގޮތުން ނުކިޔޭ ނަމަ އެންމެ ކުޑަމިނުން އޭނާގެ ހަނދާނަށް އެ ކަލިމަ ގެނެވޭތޯ ތަކުރާރު ކުރަމުން ގެންދާނީ އެވެ. މިކަން ކޮށްދޭން އެންމެ ރަނގަޅީ ގާތްތިމާގެ މީހުންނެވެ. ގާތްތިމާގެ މީހަކު ނެތް ނަމަ އެކުވެރިންނެވެ.
މި ހަދީސުން މުރައްބީންނަށް ލިބޭ އެއް ފިލާވަޅަކީ، ތައުޙީދުގެ ކަލިމައަކީ އިންސާނަކަށް ދިރިއުޅުމުގެ ހަޔާތުގައި އެންމެ މުހިންމު ކަލިމަ ކަމަށް ވުމާ އެކު، ދަރިން ތަރުބިޔަތު ކުރުމުގައި ދަރިފުޅަށް އެންމެ ފުރަތަމަ އިވޭ ކަލިމަ އަކީ މި ކަލިމަ ކަމަށް ހަދަން ޖެހޭނެ ކަމެވެ.
ދެވަނަ ފިލާވަޅަކީ، ތައުޙީދުގެ އަގީދާގެ މައްޗަށް ދަރިން ތަރުބިޔަތު ކުރުވުމަށްޓަކައި ދަރިންނަށް ސައްހަ އަގީދާ ދަސްކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. އުފަންވާ ވަގުތު ތައުޙީދުގެ ކަލިމަ އަޑު އިއްވުމުން ފަށައި، ދިރިއުޅުމުގައި އަބަދުވެސް ތަކުރާރުކޮށް ކިޔާ ކަލިމައެއް ކަމުގައި ޝަހާދަތުގެ ދެކަލިމަ ހަދަން ޖެހޭނެ އެވެ. އަދި ކައުނުގައިވާ ހުރިހާ އެއްޗެއް އުފައްދަވައި ހުރިހާ ކަމެއް ތަދުބީރު ކުރައްވައި އަހަރެމެންނަށް ރިޒުގު ދެއްވަނީ ﷲ ކަން އަބަދުވެސް އެ ދަރިންނަށް ހަނދާން ކޮށްދޭން ޖެހޭނެ އެވެ.
އެންމެ މުހިންމު ކަމަކީ، ތައުޙީދުގެ ކަލިމައިގެ މާނަ އާއި ދިރިއުޅުމުގައި އެ ކަލިމަ ތަންފީޒު ކުރާނެ ގޮތް ފިޔަވަޅަކުން ފިޔަވަޅަކުން ދަރިންނަށް ދަސްކޮށްދިނުމެވެ. މިކަމުގައި ވަސީލަތެއްގެ ގޮތުން ވާހަކަތަކާއި ހާދިސާތައް ބޭނުން ކުރެވިދާނެ އެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުން ތައުޙީދުގެ ކަލިމައިގެ އިތުރުން އެހެން ޒިކުރުތައް (މިސާލަކަށް ޙަމްދު ކުރުމާއި ތަސްބީޙަ ކިޔުމާއި ތަކުބީރު) ކިޔަން އާދަ ކޮށްދިނުމެވެ.
ހަދީސުން ލިބޭ ތިންވަނަ ތަރުބަވީ ފިލާވަޅަކީ، ދަރިފުޅު ކިތަންމެ ބޮޑުވިޔަސް އޭނާ މަރުވެގެންދާ ހިނދު އޭނާ ކިޔާނެ ނުވަތަ އެންމެ ކުޑަމިނުން އޭނާ ހަނދާން ކުރާނެ ކަލިމައަކީ ވެސް ތައުޙީދުގެ ކަލިމަ ކަމުގައި ހަދަން ޖެހޭނެ ކަމެވެ. މިކަން ހާސިލު ކުރެވޭނީ ދަރިފުޅު އުފަންވީ ވަގުތުން ފެށިގެން އޭނާގެ މުޅި ހަޔާތް އެއްކޮށް މި ކަލިމައިގެ މަތީގައި ދެމިހުރުމަށް ދަސްކޮށްދީ ފަރިތަ ކުރުވައިގެންނެވެ. އަދި މަރުވާ އިރު އެ ކަލިމަ ކިޔަން ދުރާލާ ވެސް ހަދާން ކޮށްދީގެންނެވެ.
މީގެ އިތުރުން އޭނާގެ ހާލަތުގެ ގޮތުން އޭނާ އަމިއްލަ އަށް އެކަން ހަނދާނަށް ނުގެނެވިއްޖެ ނަމަ އެ ކަލިމަ ތަލްޤީނު ކޮށްދީގެން (ލައިދީގެން) ނެވެ. މިގޮތުން ވެސް ދަރިފުޅުގެ އެންމެ ފަހު ކަލިމަ އަކީ ތައުޙީދުގެ ކަލިމަ ކަމުގައި ހަދަން މަސައްކަތް ކޮށްދޭން ޖެހޭނެ އެވެ.