15 މާޗް 2017 - 06:07

އާމިރު ޚާންގެ 52 ވަނަ އުފަން ދުވަހާ ދިމާކޮށް ފޭނުން ވަނީ އޭނާގެ މޮޅު ފަސް ފިލްމު ހޮވައިފަ އެވެ. ފިލްމީ ޚަބަރުތައް ލިޔާ ބޮލީވުޑްލައިފުން މީގެ އެތައް ހަފުތާއެއް ކުރިން ހުޅުވާލި ޚިޔާލުހޯދުމުގެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުގައި ގިނަ ބަޔަކަށް އަދިވެސް އެންމެ މަގްބޫލީ އާމިރު އާއި ޖޫހީ ޗައުލާ ކުޅެފައިވާ "ގަޔާމަތު ސޭ ގަޔާމަތު ތަކް" އެވެ.
އާމިރުގެ އެންމެ މޮޅު 20 ފިލްމުގެ ތެރެއިން އެންމެ ރީތި ފިލްމަކަށް ވޯޓު ލާން ހުޅުވާލުމުން، ފަސް ވަނަ އަށް އެންމެ ކަމުދާ ފިލްމެއް ކަމަށް ކިޔުންތެރިން ބުނެފައިވަނީ "ދިލް ޗާހަތާ ހޭ" އެވެ. އެ ފިލްމަށް ލިބިފައިވަނީ 3.59 ޕަސެންޓެވެ.
ދާދިފަހުން ރިލީޒްވި "ދަންގަލް" ދިޔައީ ހަތަރު ވަނަ އަށެވެ. އެއީ އެންމެ މޮޅު ފިލްމުކަމަށް ބުނީ ވޯޓުދިން މީހުންގެ 6.37 ޕަސެންޓް މީހުންނެވެ. "ޕީކޭ" ތިން ވަނަ އަށް ދިޔައިރު އެ ފިލްމަށް ލިބުނީ 6.53 ޕަސެންޓެވެ.
ދެ ވަނަ އަށް ދިޔައީ 20.32 ޕަސެންޓް ވޯޓާ އެކު "ތުރީ އިޑިއަޓްސް" އެވެ. ގިނަ ބަޔަކު ހީކުރީ އެއްވަނަ އަށް ދާނީ "ތުރީ އިޑިއަޓްސް" ކަމަށެވެ. ނަމަވެސް އާމިރުގެ ފޭނުންނަށް "ތުރީ އިޑިއަޓްސް" އަށް ވުރެ "ގަޔާމަތުސޭ ގަޔާމަތު ތަކް" މާ ކަމުދިޔަ ކަމަށް މި ޕޯލްގެ ނަތީޖާ އިން ވަނީ ދައްކާފަ އެވެ. "ގަޔާމަތު ސޭ ގަޔާމަތު ތަކް" އަށް 41.03 ޕަސެންޓް ވޯޓު ލިބިފައިވެ އެވެ.
ހަ ވަނަ އަށް ދިޔަ "ލަގާން" އަށް 3.26 ޕަސެންޓް، ހަތް ވަނަ ލިބުނު "ތާރޭ ޒަމީން ޕަރް" އަށް 3.16 ޕަސެންޓް އަދި އަށް ވަނަ އަށް ދިޔަ "ރާޖާ ހިންދުސްތާނީ" އަށް 2.96 ޕަސެންޓް ލިބިފައިވެ އެވެ.
"ރަންގް ދޭ ބަސަންތީ" އާއި "އަންދާޒް އަޕްނާ އަޕްނާ" ފަދަ ފިލްމުތައް އުޅެނީ އަދި މާ ފަހަތުގަ އެވެ. އެ ފިލްމުތަކަށް ޖުމްލަކޮށް ލިބިފައިވަނީ ކޮންމެ ފިލްމަކަށް 1.5 ޕަސެންޓެވެ.
އާމިރުގެ ހުރިހާ ފިލްމުތަކަކީ ވެސް މޮޅު އަދި އެހާމެ ރީތި ފިލްމުތަކަށް ވާތީ "ސަރްފަރޯޝް"، "ގަޖްނީ"، "ޖޯ ޖީތާ ވޮހީ ސިކަންދަރް"، ހަމް ހެ ރާހީ ޕިޔާރް ކޭ"، "ރަންގީލާ"، "ދިލް ހޭ ކެ މާންތާ ނެހީ" ފަދަ ފިލްމުތަކަށް ލިބުނީ ވަރަށް މަދު ވޯޓެވެ.