22 މާޗް 2025 - 23:32

ފުލުހުން ރޭ ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިރޭ ޖަހައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ ހައްޔަރު ކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށެވެ.
އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ މިރޭ އޭނާގެ ބަަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުންނެވެ.
ޝަމްއާންއަށް ބަންދު މުއްދަތު ޖަހާފައި ވާއިރު، ބިދޭސީމީހާ ދޫކޮށްލުމާއި އެ މީހާގެ އަތުން ފެނުނު 530،000ރ. ނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ޝަމްއާންގެ ގެ ބަލައި ފާސްކޮށް، އެ ގެއިން ފައިސާތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ، 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން، ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.