15 މާޗް 2017 - 06:05

މިހާރު އުފައްދަމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަތަލާއިންގެ ނަޒަރު ހުއްޓިފައި ވަނީ އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން" އަށެވެ. އެ ފިލްމުގެ ބަތަލާއަކު އަދިވެސް ހަމަނުޖެހެ އެވެ. އަދި ފިލްމުގައި ބައިވެރިވާން އެދިގެން ތިބި ބަތަލާއިން ގިނަ އެވެ.
އަމީތާބު ބައްޗަން ވެސް ބައިވެރިވާ މި ފިލްމުގެ ބަތަލާއަކު ހޮވައިފިކަމަށް މިހާތަނަށް ފެތުރުނު ހުރިހާ ޚަބަރެއް ވެސް ވެފައިވަނީ ދޮގަކަށެވެ. އެގޮތުން "ދަންގަލް" ގައި އާމިރުގެ ދަރިފުޅެއްގެ ރޯލު އަދާކުރި ފާތިމާ ސަނާ ޝޭޚް އަށް ބަތަލާގެ ރޯލު ދީފިކަމަށް ދެކެވެމުންދާ ވާހަކަތައް ފާތިމާ ވެސް ވަނީ ދޮގުކޮށްފަ އެވެ.
"ކީކޭ ދެން އަހަރެން ބުނާނީ. އަހަންނަށް އިނގޭހާ ވެސް އެއްޗަކީ ތަގްސް އޮފް ހިންދުސްތާން ކިޔާ ފިލްމެއް އެބަ އުފައްދާކަން. އަހަރެން ވެސް އެ ފިލްމުން ރޯލެއް ބޭނުން. ކޮންމެވެސް މީހަކު އަހަންނަށް އެ ރޯލު ހޯދައިދީބަލަ،" ފާތިމާ ބުންޏެވެ.
ކިތަންމެ ކުޅެން ބޭނުމަސް އެ ފިލްމުން އެއްވެސް ރޯލެއް އޭނާއަށް ނުލިބޭނެކަމަށް ވެސް ފާތިމާ ބުންޏެވެ.
ޓައިމްސް އޮފް އިންޑިއާ ގައިވާ ރިޕޯޓެއް ބުނާ ގޮތުން "ތަގްސް އޮފް ހިންދުސްތާން"ގެ ބަތަލާއަކަށް ފާތިމާ ހޮވަން އާމިރު ވަރަށް ބޭނުންވި އެވެ. ނަމަވެސް "ދަންގަލް"ގައި އޭނާ އާމިރުގެ ދަރިއެއްގެ ރޯލު ކުޅެފައިވާތީ "ތަގްސް އޮފް ހިންދުސްތާން"ގައި އޭނާއާ އެކު ރޮމެންޓިކް ރޯލު ކުޅެން ކަމުނުދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާ ގަބޫލު ކުރެ އެވެ. ފާތިމާ އަށް އެ ރޯލު ނުލިބުނީ މިހެންވެ އެވެ.
ފާތިމާ ބުނީ "ދަންގަލް" އަށް ފަހު އޭނާ އަދި އެއްވެސް އިތުރު ފިލްމެއް ކުޅެން ސޮއި ނުކުރާ ކަމަށެވެ. އަދި ރަނގަޅު ފިލްމުތަކުގެ އިންތިޒާރުގައި ހުރި ކަމަށް ވެސް ފާތިމާ ބުންޏެވެ.