22 މާޗް 2025 - 10:38

ލައިލަތުލް ޤަދްރި ނުވަތަ ގަދަރު އުފުލިގެންވާ ރޭ އަކީ އަހަރެއްގެ ތެރޭގައި އަންނާނެ އެންމެ މާތް ރެއެވެ. މާތް ﷲ ވަނީ އެ ރެއަށް ވަރަށް މަތިވެރި މާތް ކަމެއް ދެއްވައި ހާއްސަ ކުރައްވައިފަ އެވެ. ކީރިތި ޤުރްއާން ބާވާލެއްވުނު މި ރޭ ހިނގާ މުހިންމު ކަންތައްތަކެއް ހުރެ އެވެ. މިއީ މުއުމިނުންނަށް ވަރަށް މަންފާ ހުރި ރެއެކެވެ. އެހެންވެ، މި މަންފާ ލިބިގަންނަން ތައްޔާރުވާން ޖެހެ އެވެ.

ލައިލަތުލް ޤަދްރި އަކީ އެތައް ސަބަބަކާ ހުރެ މާތްކަން ލިބޭ ރެއެކެވެ. އެރޭ މާތްވާ އެއް ސަބަބަކީ، ކީރިތި ޤުރްއާން ގެ ފުރަތަމަ ބާވާލެއްވުން، އެބަހީ ލައުޙުލް މަޙްފޫޡުން ބައިތުލް ޢިއްޒާ އަށް މުޅި ޤުރްއާން އެކީ ބާވާލެއްވުން އެރޭގައި ވުމެވެ. "ހަމަކަށަވަރުން ތިމަން ﷲ އެ ޤުރްއާން ބާވާލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގަ އެވެ." (އަލްޤަދްރި 1).
ދެވަނަ ސަބަބަކީ، އެ ރެއަކީ ބަރަކާތް ލިބިގެންވާ ރެއެއް ކަމުގައި ވުމެވެ. އައްދުޚާނު ސޫރަތުގެ 3 ވަނަ އާޔަތުގައި ﷲ ބަޔާން ކުރައްވަނީ އެކަލާނގެ ކީރިތި ޤުރްއާން ބާވާލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައި ކަމަށެވެ.
ތިންވަނަ ސަބަބަކީ، އެ ރެއަކީ އަޅުކަން ކުރުމާއި އެކަމުގެ ދަރުމަ ލިބުމުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ކަމުގައި ވުމެވެ. (އަލްޤަދްރި 3). އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރެވެ.
ހަތަރުވަނަ ސަބަބަކީ، އެ ރޭގައި ﷲ ގެ އިޒުނަފުޅާ އެކު، ހުރިހާ އަމުރުފުޅަކައިގެން ޖިބުރީލުގެފާނާއި އެހެން މަލާއިކަތުން ފައިބާ ވަޑައިގަތުމެވެ. (އަލްޤަދްރި 4). މިތަނުގައި ހުރިހާ އަމުރެކޭ ބުނާ ބަހުގެ މުރާދަކީ ތަފުސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ލައުޙުލް މަޙްފޫޒުގައި ޖުމްލަކޮށް ބަޔާންވެގެންވާ މީސްތަކުންގެ އަޖަލާއި ރިޒުގާއި ހިނގާ ހާދިސާތަކާއި އަދި އެ ނޫން ވެސް ކަންކަން ކުރިއަށް އޮތް އަހަރަށް ހާއްސަ ކުރެވިގެން ކަނޑައެޅުމެވެ. އައްދުޚާނު ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ އަންގަވާފައި ވަނީ އެ ރޭ ހިކުމަތްތެރި ކޮންމެ ކަމެއް ކަނޑައެޅި ބަޔާން ކުރައްވާ ކަމަށެވެ. "ހުރިހާ ކަމެއް" ގެ އެހެން މާނަތަކަށް ބަލާއިރު، އެއީ ހުރިހާ ބަރަކާތަކާއި ހެޔޮކަން ކަމަށް ވެސް ބުނެވެ އެވެ. އަދި އެއީ ހުރިހާ އަމާންކަމަކާއި ސަލާމަތްކަން ކަމަށް ވެސް ބުނެވެ އެވެ. ނުވަތަ މި ހުރިހާ ކަމެއް އެކީ އެވެ.
ލައިލަތުލް ޤަދްރި މާތްވާ ފަސްވަނަ ސަބަބަކީ، އަމާންކަމާއި ހަމަޖެހުން އެ ރޭގައި ވުމެވެ. ﷲ ބަޔާން ކުރައްވަނީ، ފަޖުރުގެ އަލިކަން ފައުޅުވެއްޖައުމަށް ދާނދެން އަމާންކަމާއި ސަލާމަތްކަން އެ ރޭ ލިބިގެންވާ ކަމަށެވެ. (އަލްޤަދްރި 5). ހަވަނަ ސަބަބަކީ، އެ ރެޔަކީ އިސްވެދިޔަ ފާފަތައް ފުހެވިގެންދާ ރެއެއް ކަމުގައި ވުމެވެ. ކީރިތި ނަބިއްޔާ ﷺ ބަޔާން ކުރައްވަނީ އީމާންކަމާ އެކު ﷲ ގެ ހަޒުރަތުން ދަރުމައަށް ހިސާބު ކޮށްގެން އެ ރޭގައި ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވޭނެ ކަމަށެވެ. (މުއްތަފަޤު).
ލައިލަތުލް ޤަދްރި އަކީ މިބަޔާންކުރި ފަދަ މަތިވެރި މާތް ރެއެއް ކަމުގައިވާ އިރު މި ރޭގެ މާތްކަން ލިބިގަތުމަށް ކޮންމެ މީހަކު ވެސް ރޫހާނީ ތައްޔާރު ވުމަކުން ތައްޔާރުވާން ޖެހެ އެވެ. އެންމެ ފުރަތަމަ ކަމަކީ، އެ ރޭ ލިބިގަތުމުގެ އަޒުމް މިހާރުއްސުރެ ކަނޑައަޅައި ރަމަޟާން މަސް ނިމެންދެން ވެސް މި އަޒުމުގެ މަތީ ހުރުމެވެ. ހަދީސްފުޅުތަކާއި އެހެނިހެން ދަލީލުތަކުގެ އަލީގައި ބަލާއިރު ލައިލަތުލް ޤަދްރި އަށް ވުން އެންމެ ބޮޑަށް ލަފާ ކުރެވެނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއަކަށެވެ. ނަމަވެސް އަޒުމް ކަނޑައަޅަން ޖެހޭނީ އަދި މަސައްކަތް ކުރަން ޖެހޭނީ ހަމަ ކޮންމެ ރެއެއް ވެސް އެއީ އެ ރޭ ކަމަށް ވެދާނެ ކަމަށް ބަލައިގެންނެވެ.
ދެވަނަ ކަމަކީ، ރޭއަޅުކަން ނުވަތަ ޤިޔާމުއްލައިލް ގައި މިހާރަށް ވުރެ ބޮޑަށް ގަދައަޅައި މަސައްކަތް ކުރުމެވެ. މީގެ ތެރޭގައި ތަރާވީހު ނަމާދާއި ދަމު ނަމާދު ވެސް ހިމަނައިގެންނެވެ. އަދި މީގެ އިތުރުން ތަޠައްވުޢު ނަމާދުތައް ވެސް އިތުރު ކޮށްގެންނެވެ. މިވެސް ހިމެނޭނީ ހަމަ ޤިޔާމުއްލައިލުގެ ގޮތުގަ އެވެ. އަދި މި ނަމާދުތަކުގެ ރުކޫ އާއި ސަޖިދައިގެ ވަގުތު އިތުރު ކުރުން ވެސް އެދެވިގެން ވެއެވެ. ޖަމާއަތެއްގައި ކުރާއިރު މި ފުރުސަތު ނުލިބިއްޖެ ނަމަ ވަކިން ކުރާ އިރު މިކަން ކުރެވިދާނެ އެވެ. ފަހު ދިހަ އަކީ ކީރިތި ރަސޫލާ ﷺ އަޅުކަން ކުރެއްވުމުގައި ވަކިން ބޮޑަށް ގަދައަޅައި މަސައްކަތް ކުރައްވާ ރޭތަކެއް ކަމުގައި ޢާއިޝަތުގެފާނު ވިދާޅުވެފައި ވެ އެވެ. (މުސްލިމް).
ތިންވަނަ ކަމަކީ، އިހުލާސްތެރިކަމާ އެކު، ދުއާ ކުރަން އިތުރު ހިތްވަރެއް ލުމެވެ. އެންމެ ހެޔޮ ދުއާ އަކީ ކީރިތި ރަސޫލާ ﷺ ދަސްކޮށްދެއްވި ހާއްސަ ދުއާ ކަމުގައިވާ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّى މި ދުއާ ކުރުމެވެ، މިދުއާގެ މާނަ އަކީ ﷲ އަކީ އަފޫ ކުރެއްވުމަށް ލޯބިވެ ވޮޑިގަންނަވާ ކަލާނގެ ކަމަށް ވާއިރު އަޅާއަށް އަފޫކުރައްވާދޭވެ އެވެ. މި ދުއާ ނޫނަސް ތިމާއަށް ދުނިޔޭގައި ނުވަތަ އާހިރަތުގައި ބޭނުންވާ އެހެން ކޮންމެ ކަމަކަށް ވެސް އެދި ދުއާ ކުރެވިދާނެ އެވެ.
ހަތަރުވަނަ ކަމަކީ، ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރުމާއި ޤުރްއާން ތަދައްބުރު ކުރުމަށް އިތުރަށް ސަމާލުކަން ދިނުމެވެ. ތަދައްބުރު ކުރުމަކީ އާޔަތްތަކުގައި ބުނާ އެއްޗެއްގެ މާނަ އާއި އަދި އެ މާނަތަކުގެ ފަހަތުގައި އެކުލެވިގެންވާ ހިކުމަތްތަކާއި އިބުރަތްތައް ދެނެގަނެވޭތޯ ވިސްނައި ފިކުރު ކުރުމެވެ. އާޔަތްތަކުގެ ތަފުސީރެއް ލިބިއްޖެ ނަމަ މިކަމަށް ބޮޑަށް އެހީތެރިކަން ލިބޭނެ އެވެ.
ފަސްވަނަ ކަމަކީ، ޒިކުރުކުރުން ގިނަ ކުރަން މަސައްކަތް ކުރުމެވެ. ޒިކުރުގެ ތެރޭގައި ތަސްބީހަ އާއި ތަކުބީރާއި ތަހުލީލާއި ތަޙުމީދާއި ނަބިއްޔާ ﷺ އަށް ސަލަވާތް ކިޔެވުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ހިތް ހާލިސް ކޮށްގެން އިސްތިއުފާރު ކުރުމަކީ ވެސް ވަރަށް މުހިންމު ޒިކުރެކެވެ. މިގޮތުން أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ، وَأَتُوبُ إِلَيْهِ މިފަދައިން އިސްތިއުފާރު ކުރެވިދާނެ އެވެ.
ލައިލަތުލްޤަދްރި ލިބުމަށް ތައްޔާރު ވުމަށްޓަކައި ކުރެވިދާނެ ހަވަނަ ކަމަކީ، ސަދަގާތް ކުރުމާއި އިހުސާންތެރިވުން ފަހުދިހައިގެ ރޭތަކުގައި އިތުރު ކުރުމެވެ. އޭރުން ލައިލަތުލްޤަދްރި އާ ލައްވާލައިފި ނަމަ އޭގެ ސަވާބު ވެސް އެއްހާސް މައްސަރު ސަދަގާތް ކުރުމެކޭ އެއްފަދައިން ދަރުމަ އިތުރު ވެގެންދާނެ އެވެ.
އެންމެ ފަހު ކަމަކަށް ފާހަގަކޮށްލާނީ ފަހު ދިހައިގެ ރޭތަކުގައި އިއުތިކާފަށް އިނުމަށް ވިސްނައި އެކަން ކުރެވޭތޯ ބެލުމެވެ. މިއީ ރަމަޟާން މަހަށް ވަރަށް ހާއްސަ އަޅުކަމެކެވެ. އެހެންކަމުން ލައިލަތުލްޤަދްރި އަށް މިކަން ވަރަށް ބޮޑަށް ހާއްސަ ވާނެ އެވެ. ކުރިން ބަޔާންކުރި އެހެން ކަންކަން ކުރަން ވަރަ ށްބޮޑު ފަސޭހައެއް މީގެ ސަބަބުން ލިބިގެންދާނެ އެވެ.
މި ފާހަގަ ކުރެވުނު ކަންކަމުން އެނގިގެން ދަނީ ލައިލަތުލް ޤަދްރި އަކީ ރަނުގެ ފުރުސަތެއް ކަމެވެ. ވީމާ ﷲ ގެ ރުހިވޮޑިގަތުމާއި ސުވަރުގެ ލިބިގަތުމަށްޓަކައި އެ ރޭގެ ހެޔޮކަން ލިބޭތޯ ކޮންމެ މީހަކު ވެސް މަސައްކަތް ކުރުން ބުއްދިވެރި އެވެ. މާތް ﷲ މިކަމުގައި އަހަރެމެންނަށް ހެޔޮ ތައުފީގު ދެއްވާށިއެވެ!