15 މާޗް 2017 - 06:10

މެލޭޝިއާގައި ޕާކަކަށް ޖޮގިން ކުރަން ގޮސް އުޅުނު ދެމަފިރިއަކު ހޮނުއަޅައިގެން މަރުވެއްޖެ އެވެ.
ޕުޗޯންގް ޖާޔާގެ ޖަލަން ކެނާރީ ސަރަހައްދުގައި އޮންނަ ޕާކުގައި ދުވަނިކޮށް މި ދެމަފިރިންގެ ގަޔަށް ހޮނުއެޅީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު އެވެ.
ޔީ ބޫން ކޫ، 59، އާއި އޫއި ލީ ޗެކް، 57، ފެނުނުއިރު އޮތީ ޖޮގިން ޓްރެކް މައްޗަށް މޫނު ވަތަށް ވެއްޓިފައި ކަމަށް ނިއު ސްޓްރެއިޓްސް ޓައިމްސް އިން ބުނެފައިވެ އެވެ.
މެލޭޝިއާ ފުލުހުން ބުނީ ހޮނު އެޅުމާ އެކު މި ދެ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މި މީހުން މަރުވެފައި އޮއްވައި ނަގާފައިވާ ފޮޓޯތައް އާއްމުކޮށްފަ އެވެ.
މި ފޮޓޯތަކުން ފެންނަގޮތުގައި ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭ ފައިބައިފައިވެ އެވެ. ނުހުޅުވާއޮތް ވިއްސާރަކުޑައެއް މި ދެމަފިރިންގެ ކައިރީގައި އޮތް ކަމަށާއި އެމީހުން ވެއްޓިފައި އޮތްތަނާ ކައިރީ ބިންމައްޗަށް ވެސް ގެއްލުންތައް ލިބިފައިވާތަން ފެންނަން ހުރި ކަމަށް ވެސް ނޫހުގައިވެ އެވެ.
މަންޒަރުދުށް މީހަކު އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި އެމީހުން ވެއްޓުމުގެ ކުރިން ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އަދި މިކަން ހިނގި ވަގުތު ވާރޭ ނުވެހޭ ކަމަށް ވެސް އެމީހާ ބުނެފައިވެ އެވެ.