21 މާޗް 2025 - 08:59

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅީ ހިއްސާއަކަށް 4.58 ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސެންޓު އިތުރު އަދަދެކެވެ.
ހިއްސާގެ ފައިދާ ބަހަން ހުށަހަޅަނީ ހިއްސާގެ ފައިދާގެ 50 ޕަސެންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމާ އެކު، ފައިދާގެ 50 ޕަސެންޓު ބޯނަސް ހިއްސާ ދިނުމަށެވެ.
ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރަނީ 35ރ. ގެ ރޭޓުންނެވެ. އެމްއައިބީގެ 15 ވަނަ އަހަރީ އާންމު ޖަލްސާއާ ތާރީހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެ އެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު ބާއްވާ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގެ ނޯޓިސް އާއި އިތުރު މައުލޫމާތު އަންނަ މަހު އާއްމުކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.
މިދިޔަ އަހަރަކީ އެމްއައިބީ އަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބެންކުން ސިފަ ކުރެ އެވެ. މިދިޔަ އަހަރު ވަނީ އާ ސާވިސް ސެންޓަރުތަކާއި ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް ފުރިހަމަކޮށް، އެމްއައިބީގެ ހިދުމަތްތައް ފުޅާކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެ ބޭންކަށް ބައިނަލްއަގްވާމީ ތިން އެވޯޑެއް ލިބުނެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކު ވެސް މެ އެވެ.