އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށްފި
އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށްފި

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އިއްޔެ މަގާމުން ވަކިކޮށްފި އެވެ.

އޭނާ އެ މަގާމުން ވަކިކުރިކަން "މިހާރު" އަށް ކަށަވަރުވެފައިވީ ނަމަވެސް ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.

އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތް ކުރެއްވި ޝައްމާނަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދެއްވީ މި ސަރުކާރު ވެރިކަމަށް އައިސް ނޮވެމްބަރު 19، 2023ގަ އެވެ. އޭރު އޭނާ ހުރީ އިމިގްރޭޝަންގެ އޮފިސަރުކަމުން ވަކިކޮށްފަ އެވެ.

އޭނާ އިމިގްރޭޝަން އޮފިސަރުކަމުން އޭރު ވަކިކޮށްފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

އެކަމަކު 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޮތީ ޝަމްއާން ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫއަ ކޮށްދިނުމަށް އަންގައިފަ އެވެ.