15 މާޗް 2017 - 06:09

އުމުރުން 30 އަހަރުގެ މާބަނޑު މީހެއް ކަމަށްވާ ޔެލައްމާ އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގެ ކާރޫބާރޫ ބޮޑު މަގެއްގައި ހުއްޓާ ވިހެއުމުގެ ވޭންވަރު އަންނަން ފެށި އެވެ. ވިހެއީ މަގުމަތީގަ އެވެ. އެހީވީ މަގުމަތީ ސަލާން ޖަހަން އިން އުމުރުން ދުވަސްވީ އަންހެނެކެވެ.
ވިހޭ ދަރިފުޅުގެ ސިއްހަތު ރަނގަޅެވެ. އުންމީދު ކޮށްގެން ހުރި ގޮތަށް ލިބުނީ ވެސް އަންހެން ދަރިއެކެވެ. ޔަލައްމާ ވިއްސުމުގައި ފޫޅުމައެއްގެ ދައުރު އަދާކުރި މީހާގެ އެހީތެރިކަމަށް އެތައް ބައެއްގެ ތައުރީފު ލިބުނެވެ.
ބެންގަލޫރާ 450 ކިލޯމީޓަރު ދުރުގައި އޮންނަ މާންވީ އަވަށުގައި ހިނގި މި ކަންތައް ސިފަކުރީ އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ރީތި މިސާލެއްގެ ގޮތުގަ އެވެ. މަގުމަތީގައި ދިމާވާ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހުންނަށް އަޅާ ނުލުން އިންޑިއާގައި ވަރަށް އާއްމު ކަމަކަށް ވެފައިވާ މި ދުވަސްވަރު މުސްކުޅި އަންހެނަކު ދެއްކި އޯގާތެރިކަން ނަމޫނާއެއްގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެވެ.
ޔެލައްމާ އާއި އޭނާގެ ފިރިމީހާއަށް މީގެ ކުރިން ތިން ފިރިހެން ދަރިން ލިބިފައިވެ އެވެ. ނަމަވެސް އަންހެން ދަރިއެއް ބޭނުންވާތީ މި މީހުން އަނެއްކާވެސް ކުއްޖަކު ހޯދަން ގަސްތުކުރީ އެވެ. ޔެލައްމާ މަގުމަތީގައި ވިހެއީ ބަނޑަށް 36 ހަފުތާ ފުރިފައި ވާތީ ޑޮކްޓަރަށް ދައްކަން ފިރިމީހާއާ އެކު ދަނިކޮށެވެ.
ޔެލައްމާ ވެއްޓުނުތަން ފެނުނު މީހަކު ބުނި ގޮތުގައި، ބަހުން ފޭބުމުގެ ތެރޭގައި ޔެލައްމާ ވެއްޓުނީ އެވެ. ވެއްޓުމާއެކު ވަރަށް ގަދަޔަށް ލޭ ފައިބަން ފެށުމުން ފިރިމީހާއަށް ލިބުނު ޝޮކްގައި ހަދާނެގޮތް ހުސްވި އެވެ.
ޔެލައްމާ ވެއްޓިފައި އޮއްވާ އެތަނަށް ގޮސް އެހީތެރިވީ ސަލާންޖަހާ އަންހެނެކެވެ. ވަރަށް ފަރުވާތެރިކަމާ އެކު މަސައްކަތް ނުކޮށްފި ނަމަ ޔެލައްމާ އާއި ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން އުމުރުން 60 އަހަރަށް ވުރެ ދުވަސް ވެފައިވާ މި އަންހެންމީހާއަށް އެނގުނެވެ. އޭނާ ފޫޅުމައެއްގެ ގޮތުގައި އެހީވާން ފެށިތާ އިރުކޮޅެއް ފަހުން އެހެން ބައެއް އަންހެނުން ވެސް ގޮސް އެހީތެރިވި އެވެ.
ޔެލައްމާ ވިހެއުމުން ހޮސްޕިޓަލަށް ގެންދިއުމާ އެކު، އެތަނުގައި ތިބި މީހުންތައް ވެސް ދިޔައީ އެވެ. އެހީވުމުގައި އިސްނެގި މީހާ ވެސް އެ މީހުންނާ އެކު ގޮސް ގެއްލުމުން، ދެމަފިރިންނަށް އެ މީހާއަށް ޝުކުރު ވެސް އަދާ ނުކުރެވުނު ކަމަށް ބުނެފައިވެ އެވެ.