އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

މިއަދު ހަވީރު ބ. އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަރު އަދި އެ ރަށާ ވަރަށް ގާތް ގުޅުމެއް އަބަދުވެސް ބާއްވަވާ ޑރ. އަހުމަދު އަންވަރު އެ ވާހަކަ ވިދާޅުވީ ހަގީގަތުގައި ވެސް ހަމަ ތަފާތުވީމަ އެވެ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީގެ ހަރަދުގައި އިމާރާތް ކޮށްދިން މިސްކިތުގެ ވާހަކަ މުޅި ރާއްޖޭގައި ދައްކާ ސަބަބު އަންވަރުގެ ވާހަކައިން ސާފެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

މަސްޖިދު މުހައްމަދު އަލީ ހުޅުވައި ދެއްވުމުގެ ޝަރަފާ އެކު، ޑރ. އަންވަރު ވިދާޅުވީ، އެއީ ރާއްޖޭގައި "މިއަދުގެ ތާރީހާ ހަމައަށް ބިނާކުރެވިފައިވާ އެންމެ ފުރިހަމަ ރީތި މިސްކިތް" ކަމަށެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

"މި މިސްކިތަކީ ދުނިޔޭގެ މިސްކިތްތަކުން އަޅުގަނޑުމެންނަށް ފެންނަ ފަންނުވެރިކަމާއި ފަރުމާތައް ފެންނަ ވަރަށް ހިތްގައިމު މިސްކިތެއް،" ޑރ. އަންވަރު ވިދާޅުވި އެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

އޭނާ ވިދާޅުވި ފަދައިން މަސްޖިދުލް މުހައްމަދު އަލީ ވާނީ އޭދަފުއްޓަށް އެތައް ބަޔަކު ޒިޔާރަތް ކުރަން ވެސް މެދުވެރިވާނެ އެއް ސަބަބަށެވެ. ރަށުގެ ތާރީހު ބަދަލުކޮށްލާނެ ފަހުރުވެރި ބިނާއަކަށެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

މިހާރު އުމުރުން 91 އަހަރު މުހައްމަދު އަލީ އެންމެ ބޮޑަށް ބޭނުންވި ކަމަކީ އޭނާ މި ދުނިޔެއިން ވަކިވުމުގެ ކުރިން އަމިއްލަ ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. މީގެ ހަތަރު އަހަރު ކުރިން އެ މިސްކިތުގެ އަމަލީ މަސައްކަތްތައް މުހައްމަދު އަލީގެ ބޭފުޅުންގެ އެހީތެރިކަމާ އެކު ނިންމީ މުޅި ރާއްޖޭގައި އެ ވާހަކަ ދައްކާ ފެންވަރަށެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

އެ މަސައްކަތުގައި މުހައްމަދު އަލީގެ 13 ބޭފުޅުންގެ ތެރެއިން ހާއްސަކޮށް މުބާހު ރަފީއު އާއި ޔާސީން ރަފީއުގެ ނަން ޑރ. އަންވަރު ވެސް ވަކިން މިއަދު ފާހަގަކުރެއްވީ ގިނަ ސަބަބުތަކެއް ހުރެގެންނެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

"މި މުހިންމު މަޝްރޫއު ފެށިގެން ނިމެންދެން މުބާހު ރަަފީއުގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ލީޑަޝިޕް ކޮލިޓީ އާއި ހިތްވަރާއި ސާބިތުކަން އެއީ މިފަދަ މަޝްރޫތައް ހިންގަވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. ފިލާވަޅެއް، އިންސްޕިރޭޝަނެއް. މުޅި މަޝްރޫއު ހިންގެވުމުގައި ފިސާރި ސާބިތުކަމާ އެކު ޔާސީން ރަފީއު އަދާކުރައްވާފައިވަނީ ވަރަށް މުހިންމު ދައުރެއް،" މުޅި މަޝްރޫއުގައި އެންމެ އިސްކޮށް ތިއްބެވި މުހައްމަދު އަލީގެ ދެ ބޭފުޅުން ކަަމަށްވާ މުބާހާއި ޔާސީންގެ ނަން ފާހަގަކުރައްވަމުން ޑރ. އަންވަރު ވިދާޅުވި އެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

މުހައްމަދު އަލީ މިހާރު މުސްކުޅި ބަލީގައި އުޅުއްވާތީ އިންނަވަން ޖެހިވަޑައިގަންނަވަނީ ފުރޮޅުލީގޮނޑިއެއްގަ އެވެ. މިއަދުގެ މި އުފާވެރި ރަސްމިއްޔާތަށް އޭނާ ވަޑައިގެން އިންނެވި އިރު މޫނުމަތިން ފެނުނީ އުފާވެރިކަމުގެ "ކަރުނަ" އެވެ. އޭނާގެ ނަން ދިރުވައި، ކުރިމަގުގެ އެތައް ޖީލަކުން އޭނާގެ ވާހަކަ ދައްކާނެ އިސްލާމީ ރީތި ބިނާއެއް ދޫކޮށްލެވުމުގެ ހިތްހަމަޖެހުމުގެ "ކަރުނަ" އެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

މަސްޖިދުލް މުހައްމަދު އަލީ އިމާރާތް ކުރުމުގައި އަސްލަކަށް ބަލާފައި ވަނީ އޮމާން، އުޒްބަކިސްތާން، ދުބާއީ، ސައޫދީ އަރަބިއްޔާ އަދި ތުރުކީގެ މިސްކިތްތަކެވެ. އެ ގައުމުތަކަށް މުހައްމަދު އަލީގެ ބައެއް ބޭފުޅުން ވަޑައިގެންް އަމިއްލަ އަށް އެ މިސްކިތްތައް ބެއްލެވި އެވެ. ހާއްސަކޮށް ތުރުކީގެ މިސްކިތްތަކުގައި ހުންނަ ޑިޒައިން މަސްޖިދުލް މުހައްމަދު އަލީ އިން ފެންނަން އެބަހުއްޓެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

މަސްޖިދުލް މުހައްމަދު އަލީ ޑިޒައިން ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުނީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ އައިމާން ހަބީބާއި ހަސަން ޒިޔާދާއި މިނީ ކޮންސެޕްޓްގެ މީފައު ރަޝީދު އަދި އަލާފް ޕްރައިވެޓް ލިމިޓެޑްގެ އަޝްރަފް ހަމީދެވެ. އެ ޑިޒައިންތަކާ އެއްގޮތަށް މިސްކިތުގެ ކުރެހުން ކުރެހީ ތުރުކީ އާއި އީރާނުން ހާއްސަ ޓީމެއް ގެނެސްގެންނެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

މި މިސްކިތުން އެންމެ ބޮޑަށް އަޅައިގަންނަނީ ފާރިސީ ސްޓައިލްގެ ޗާލު ޑިޒައިންތަކެވެ. އެއީ އަބަދުވެސް ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލާ ޑިޒައިންތަކަކަށް ވުމުން ހިތްދަމައިގަންނަލެއް އަދި މާ ބޮޑެވެ.

އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް
އޭދަފުށީގެ ލޭންޑްމާކަކަށް އެންމެ ރީތި މިސްކިތް

އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ މަސްޖިދުލް މުހައްމަދު އަލީއަކީ އޭދަފުށީ މީހުންގެ އިތުރުން މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މިހާތަނަށް ރާއްޖޭގައި ބިނާކުރި އެންމެ ރީތި އެއް މިސްކިތް ކަމަށެވެ.

"ހުރިހާ ރައްޔިތުންގެ ނަމުގައި މުހައްމަދު އަލީގެ އާއިލާ އަށް ޝުކުރު އަދާކުރަން ބޭނުން މިފަދަ އަގުހުރި ހަދިޔާއެއް އޭދަފުށި ރައްޔިތުންނަށް ހަދިޔާކޮށްދެއްވި ކަމަށްޓަކައި، މުޅި އާއިލާ އަށް ހުރިހާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރޯދަވީއްލަން ކައިރިވެފައި ވަނިކޮށް މިސްކިތް ހުޅުވުމަށް ބޭއްވި ކުޑަކުޑަ ރަސްމިއްޔާތުގައި އޭދަފުށީގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އެ އުފަލުގައި ބައިވެރިވި އެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެވެ. މުހައްމަދު އަލީގެ އާއިލާ އަށް އޮތް ލޯތްބެވެ.

"ބޭރު ގައުމުތަކުން އަހަރެމެންނަށް ފެންނަ އިސްލާމީ އާކިޓެކްޗާގެ ރީތި ޑިޒައިންތަކާއި ކުރެހުންތައް މި މިސްކިތައް ގެނެސްފައި ވުމަކީ އަޅުގަނޑުމެން މިރަށުގެ ރައްޔިތުންނަށް ލިބޭ ބޮޑު ފަހުރެއް. އަޅުގަނޑު ދެކޭ ގޮތުގައި މި މިސްކިތާ އެކު މި ރަށުގެ ތާރީހު ބަދަލުކޮށްލާނެ، މިސްކިތް ވަރަށް ރީތިވެފައި ފުރިހަމަ،" އޭދަފުށީގެ ޒުވާނަކު ބުންޏެވެ.

މަސްޖިދުލް މުހައްމަދު އަލީ އިމާރާތްކޮށްފައި ވަނީ ދެ ބުރިއަކަށެވެ. އެއްފަހަރާ 1،200 މީހުންގެ ޖާގައިގެ އެ މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ ހާއްސަ ބަޔަކާއި ފާހާނާތައް ވެސް ވަކިން ވަނީ ހަދައިފަ އެވެ. އަދި މިސްކިތް ހަދާފައި ވަނީ އިތުރަށް ބައެއް ކަންކަން ފުރިހަމަ ކުރެވޭނެ ގޮތަށް ކަމަށް މުހައްމަދު އަލީގެ ބޭފުޅުން ވިދާޅުވި އެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް އަޅުގަނޑުމެންނަށް ކޮށްލެވުނު. އެކި ގައުމުތަކަށް ދަތުރުކޮށް އެކި ގައުމުތަކުގެ މިސްކިތްތަކުގެ ޑިޒައިންތައް ބެލިން. ހާއްސަކޮށް ސެންޓްރަލް އޭޝިއާގެ މިސްކިތްތަކުގެ މިކްސްއެއް މި މިސްކިތުން ފެންނާނީ،" މުބާހު ވިދާޅުވި އެވެ.

މުބާހުގެ ބައްޕަ މުހައްމަދު އަލީއަކީ އޭދަފުށީގެ ތަރައްގީގަައި މުހިންމު ބައިވެރިއެކެވެ. އޭނާގެ "ޗާލާކީ" ޒަމާނުގައި އޭދަފުށީގައި ވަރަށް ފުޅާކޮށް ވިޔަފާރި ހިންގެވި އެވެ. އަމިއްލަ މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިފަހަރު ގެންގުޅުއްވި އެވެ. ބ. އަތޮޅުގައި ފަޅުރަށްރަށް ބެލެހެއްޓެވި އެވެ. ގޭގައި ފިހާރައެއް ހިންގަވައި އަދި ބަކަރި ގެންގުޅުއްވި އެވެ. މިހާރު މުހައްމަދު އަލީ ގެންގުޅުއްވާ ފެރީތައް ވަނީ ކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އަށް ދޫކޮށްފަ އެވެ.

މުހައްމަދު އަލީ އޭދަފުށީގައި ބިނާކޮށްދެއްވި މި މިސްކިތް އެއިން އެއްވެސް ކަމަކާ އަޅައެއް ނުކިޔޭނެ އެވެ. ދީނީ ގޮތުން ކުރެއްވީ މަތިވެރި މަސައްކަތެކެވެ. މުޅި ރާއްޖެ މިއަދު ދައްކަނީ މި މިސްކިތުގެ ވާހަކައެވެ. އޭދަފުށީގެ ލޭންޑްމާކަކަށް އެ މިސްކިތް ވެއްޖެ އެވެ. އެތައް ޖީލެއްގެ މީހުން މި ވާހަކަ ދައްކާނެ އެވެ. އެ ބިނާ އެތައް ހާސް ބަޔަކަށް ފެންނަން ހުންނާނެ އެވެ.