20 މާޗް 2025 - 17:10

މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނިގޮތުގައި އީދު ސަލާން ކުރެއްވުން އޮންނާނީ ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި އެ ދުވަހުގެ ހެނދުނު 9-11 އަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ފިތުރު އީދު މި މަހުގެ 31 ވާ ހޯމަ ދުވަހެވެ.
ރައީސް އޮފީހުން ބުނީ، އީދު ސަލާން ކުރުމަށް އާންމުންނާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާ/ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު ދެއްވާ ކަމަށެވެ.
"އަދި އާއިލާތަކާއެކު ވީހާ ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
އީދު ސަލާން ކުރުމަށް މުލީއާގެ އަށް ވަދެވޭނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.