20 މާޗް 2025 - 13:29

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފަށާފައި ވާއިރު ރޭ ފަތިހު ވެސް ހަމަލާ ދީފައިވާ ކަމަށާއި އެ ހަމަލާތަކުގައި 71 މީހަކު ޝަހީދުވެފައިވާ ކަމަށް އަލް ޖަޒީރާއިން ބުނެފި އެވެ.
ފަތިހު ދިން ހަމަލާތައް ޣައްޒާގެ އުތުރާއި ދެކުނަށް ވެސް އަމާޒުކުރި އެވެ. މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ވެސް ޝަހީދުވި ކަމަށް އަލް ޖަޒީރާގެ ނޫސްވެރިން ރިޕޯޓްކޮށްފައިވެ އެވެ.
މި މަރުތަކާ އެކު އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 436 އަށް އަރައިފަ އެވެ. މީގެ ތެރޭގައި 183 ކުޑަކުދިން ހިމެނެ އެވެ.
ރޭ ހަމަލާ ދިނީ ޣައްޒާގެ އާންމުން ހަމާސްގެ ވެރިކަން ނިމުމަކަށް ގެނައުމަށާއި ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން ވަގުތުން މިނިވަންކުރުމަށް އިޒްރޭލުން ފަހުގެ އިންޒާރު ދިނުމަށް ފަހުގަ އެވެ.
"ޣައްޒާގެ ރައްޔިތުން، މިއީ އެންމެ ފަހުގެ އިންޒާރު،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރާއިލް ކާޒް އިންޒާރު ދެމުން ބުނެފައިވެ އެވެ.
"އެމެރިކާގެ ރައީސްގެ ނަސޭހަތް އަޑުއަހާ. ރަހީނުން ހަވާލުކުރުމަށް ފަހު ވެރިކަމުން ހަމާސް ދުރުކުރޭ. އޭރުން އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ - އޭގެ ތެރޭގައި ދުނިޔޭގެ އެހެން ހިސާބުތަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހިމެނޭ."
ޣައްޒާގައި ވަރުގަދަ ހަމަލާތައް ދެމުން ދާއިރު ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ދަނީ ކުރިއަށެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ ހުޅަނގު އައްސޭރީގެ އަސްކަރީ އޮޕަރޭޝަންތައް މި އަހަރު ނިމެންދެން ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 64،260 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. މީގެތެރޭ 59 ޕަސެންޓަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.