14 ޖޫން 2016 - 12:28

ލިޔޯން (ޖޫން 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރޭ ބެލްޖިއަމް އަތުން 2-0 އިން އިޓަލީ މޮޅުވި ނަމަވެސް މާޒީ އަށް ބަލާއިރު މިއީ މާބޮޑު ކާމިޔާބީއެއް ނޫން ކަމަށް އިޓަލީ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި އިޓަލީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފްގައި އެމަނުއަލް ގިއަކެރީނީ އާއި ދެ ވަނަ ހާފްގައި ގްރަޒިއާނޯ ޕެލާ އެވެ.
ރޭގެ މެޗަށް ފަހު ކޮންޓޭ ބުނީ ފާއިތުވި މުބާރާތްތަކުގައި ވެފައިހުރި ގޮތްތަކަށް ބަލާއިރު މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވުމަކީ މާ ބޮޑު ކާމިޔާބެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
"މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވިޔަސް އެއީ މުޅި މުބާރާތަށް މާ ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ނުބެލެވޭ. އެއީ އަހަރެމެންނަށް އޭގެ ތަޖުރިބާ ކުރެވިފައިވުމުން. މީގެ ދެ އަހަރު ކުރިން ވޯލްޑް ކަޕް ފުރަތަމަ މެޗުގައި އަހަރެމެން މޮޅުވި އިނގިރޭސިންނާ ވާދަކޮށް. އެކަމަކު ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ނުދެވުނު،" ކޮންޓޭ ބުންޏެވެ.
އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އިންގްލެންޑް ވަނީ 2-1 އިން އިނގިރޭސިން ބަލިކޮށްފަ އެވެ. ނަމަވެސް ދެން ކުޅުނު ދެ މެޗުން ކޮސްޓަ ރިކާ އާއި އުރުގުއޭ އަތުން 1-0 އިން ބަލިވެ އިޓަލީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.
"ވޯލްޑް ކަޕުން އަހަރެމެންނަށް ކޮށްފައިވާ އަސަރު ކުޅުންތެރިންގެ ހިތުން ފޮހެލަންޖެހޭ. ފުރަތަމަ އަމާޒަކީ ދެ ވަނަ ބުރަށް ދިއުން. ދެން ވިސްނާނީ ދެވެން އޮތް އެންމެ ދުރަކަށްދާން،" މި މުބާރާތަށް ފަހު ޗެލްސީއާ ހަވާލުވާން ނިންމާފައިވާ ކޮންޓޭ ބުންޏެވެ.
ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ބުނީ ކުޅުމަށް ބަލާއިރު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ބޭނުންވަނީ ނަތީޖާ ކަމަށާއި އެކަން ހާސިލްނުވުމުން އެއީ ލިބުނު ގެއްލުމެއް ކަމަށެވެ.
"ކުޅުމާ މެދު ހިތްހަމަ ޖެހޭ. އެކަމަކު މުބާރާތެއްގައި ކުރިއަށްދެވޭނީ ނަތީޖާ ނެރެގެން. އެކަން ހާސިލްނުވުމަކީ ލިބުނު ދެރައެއް. ދެން ވިސްނަންވީ ދެން އޮތް ދެ މެޗުން މޮޅުވެގެން ދެ ވަނަ ބުރަށް ދާން. އެއީ މި ޓީމުގެ ފެންވަރަށް ބަލާއިރު ނުވާނެ ކަމެއް ނޫން،" ވިލްމޮޓްސް ބުންޏެވެ.
ގްރޫޕްގެ ދެ ވަނަ މެޗުގައި އަންނަ ހުކުރު ދުވަހު އިޓަލީ ކުޅޭނީ ސްވިޑަންއާ އެވެ. އަދި ހޮނިހިރު ދުވަހު ބެލްޖިއަމް ނުކުންނާނީ އަަޔަލެންޑާ ދެކޮޅަށެވެ.