20 މާޗް 2025 - 11:44

ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ކްލަބްގެ ތެރެއިން ނުވަ ކްލަބަކަށް ސަރުކާރުން 9.5 މިލިއަން ރުފިޔާ ޖަމާކޮށް ދީފި އެވެ.

ދިވެހި ލީގުގެ ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދިނުމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މި އެއް މިލިއަން ރުފިޔާގެ ފުރަތަމަ އިންސްޓޯލްމަންޓް ސަރުކާރުން މިދިޔަ މަހު ވަނީ 10 ކްލަބަކަށް ޖަމާކޮށްދީފަ އެވެ. އެއީ ކޮންމެ ކްލަބަކަށް 500،000 ރުފިޔާގެ މަގުންނެވެ.
އެކަމަކު ދެ ވަނަ އިންސްޓޯލްމަންޓުގެ 500،000 ރުފިޔާ ޖަމާކުރީ 10 ކްލަބުގެ ތެރެއިން ނުވަ ކްލަބަކަށެވެ.
ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު ދެ ވަނަ އިންސްޓޯލްމަންޓް ޖަމާ ނުކުރަނީ ކޮން ކްލަބަކަށް ކަމެއް މިނިސްޓްރީގެ އޮފިޝަލް ވިދާޅެއް ނުވި އެވެ.
މިދިޔަ ހޮނިހިރު ދުވުހުގެ ރޭ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ކްލަބްތަކުގެ އޮފިޝަލުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތުން ނެގުމަށް މި ސަރުކާރު ހަވާލުވިތާ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށައިގަތް ކަމަށެވެ.
ދަރަނި، 150 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވާ އެސޯސިއޭޝަނުގެ ދަރަނި އަދާކުރުމާ ގުޅޭ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެފްއޭއެމްގެ ދަރަނިތައް އަދާކުރުމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާ މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަމުން އަންނަކަން ވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ލިބިގެންދާނީ ވަރަށް ފަހި ގޮތެއްގައި،" ކޮންގްރެސްގައި ރާފިއު ވިދާޅުވި އެވެ.