20 މާޗް 2025 - 00:06

ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލަޝިޕްތަކަކަށް އެ ކުންފުނިން އިއްޔެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" ގެ ދަށުން އިނގިރޭސި ވިލާތުގައި ބެޗެލާސް ޑިގްރީ އަށް ކިޔެވުމަށް ތިން ފުރުސަތު ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއީ:
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އެއް ޖާގަ.
- މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ދެ ޖާގަ.
ސްޓެލްކޯއިން ބުނީ އެ ފުރުސަތުގެ ދަށުން ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީ އާއި ސްޓައިޕަންޑާއި ވިސާ ފީ އާއި ދެކޮޅު ޓިކެޓާއި ބުކް އެލަވެންސް އަދި އެސްޓަބްލިޝްމަންޓް އެލަވެންސް ލިބޭނެ ކަމަށެވެ.
- އުމުރުން 24 އަހަރުން ދަށުގެ ދިވެއްސަކަށް ވުން.
- ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓާ ސައިންސް ހިމެނޭހެން އޭ ލެވެލްގައި ދެ އޭސްޓާ އަދި އޭ ފާހެއް ހޯދާފައިވުން ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް މީހަކަށްވުން
އަންނަ އޭޕްރީލް ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކުގައި ކިޔަވަން ދާން ތިން ޔުނިވާސިޓީއަކުން ޖާގަ ލިބެ އެވެ. އެއީ "ދި ޔުނިވާސިޓީ އޮފް މެންޗެސްޓާ" އާއި ޔުނިވާސިޓީ އޮފް ލީޑްސް"ގެ އިތުރުން "ޔުނިވާސިޓީ އޮފް ސައިތަމްޕްޓޮމް" އެވެ. އެ ދަރިވަރަކު ބޭނުން ތަނަކުން ކިޔަވަން ހުށަހެޅޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ކޯސް ނިންމުމަށް ފަހު، ހިދުމަތް ކުރަން ޖެހޭނީ ސްޓެލްކޯއަށެވެ. އަދި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި އިންޓާންޝިޕް ހަދަން ޖެހޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.