19 މާޗް 2025 - 21:57

ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ މިދިޔަ އަހަރުގެ ކާމިޔާބު މާލީ ނަތީޖާގެ ސަބަބުން ހިއްސާއަކަށް 55ރ. ގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހަޅާނެ ކަމަށެވެ. އެއީ އެ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެކެވެ.
މިދިޔަ އަހަރު އެކުންފުނިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 50ރ. އެވެ. އެއާ އެކު ހިއްސާދާރުންނަށް މިދިޔަ އަހަރު އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާފައިވެ އެވެ. އެހެންވެ، މިއަހަރު އިތުރުވި އަދަދަކީ 10 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ދެ ބިލިއަން ރުފިޔާގެ ފައިދާ ލިބިފަ އެވެ.
އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެ އެވެ. ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފަ އެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް 21،000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން އިތުރުވި ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު މާލީގޮތުން ކާމިޔާބު ނަތީޖާއެއް ހޯދުނީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާ ކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށެވެ.
"މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން." އޭނާ ވިދާޅުވި އެވެ
ބޭންކުގެ ފައިދާއިން 25 ޕަސެންޓު ޓެކުހެއް ދައްކައި، ވާދަވެރިކަން ބޮޑު މާހައުލެއްގައި، ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ދައްކުވައިދެނީ ބޭންކުގެ ހިންގުން ހަރުދަނާކަން ކަމަށް އެ ބޭންކުން ބުންޏެވެ.