19 މާޗް 2025 - 13:56

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ރޯދަމަހުގެ ފަހު 10 ގެ ދުވަސްތަކަށް މާދަމާ އިން ފެށިގެން މެދުކަނޑާލައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވި ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ ކުޑަ އީދު ބަންދަށް ފަހު ހުޅުވޭ ހަފުތާގެ ހޯމަ ދުވަހެވެ.
ރޯދަމަހުގެ ފަހު 10 އަށް މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލާކަން އިއުލާން ކުރައްވަމުން އަބްދުއްރަހީމް ވަނީ ރޯދައިގެ އެންމެ މާތް ދުވަސްތަކުގައި ވެސް މަޖިލިސް މެންބަރުންނަކީ ރައްޔިތުންނަށް ނަމޫނާއަކަށް ވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާއިރު، ދައުރު ކުރުކޮށްލައި، ރޯދަމަހަށް އެއްކޮށް މަޖިލިސް ބަންދުކުރަން ނިންމި އެވެ. ނަމަވެސް، އެކަމާ ފާޑުކިޔުން އަމާޒުވުމާ އެކު އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.
ރޯދަމަހުގެ ފަހު 10 ގެ އަޅުކަމަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ސަރުކާރު ބަންދުވާނެ އެވެ. ފަހު 10 އާއި ކުޑަ އީދުގެ ބަންދަށް ފަހު، ދެން ސަރުކާރު ހުޅުވާނީ އަންނަ މަހުގެ ހައެއްގަ އެވެ