މަލާއިކަތުންގެ ދުއާ ލިބިގަންނަމާތޯ-1
މަލާއިކަތުންގެ ދުއާ ލިބިގަންނަމާތޯ-1

މި ބިންމަތީގައި އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އެއް ނިއުމަތަކީ، ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ގެ ހެޔޮ ދުއާ އެ މީހަކަށް ލިބުމެވެ. ނުވަތަ އެ މީހަކަށް ފާފަ ފުއްސަވައިދެއްވުން އެދިވަޑައިގެން އެކަލޭގެފާނު މާތް ﷲގެ ޙަޟްރަތަށް ދުއާ ދެންނެވުމެވެ. އެ މަތިވެރި ނަސީބު ލިބުނު ކިތަންމެ ބަޔަކު، އިސްލާމީ އުންމަތުގެ ތާރީހާ އެކުވެފައިވެ އެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)، މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ. އެހެންކަމުން، އިސްލާމީ އުންމަތުގެ އަހުލުވެރިންނަށް މިހާރު އެ ނަސީބެއް ނެތެވެ. ނަމަވެސް، މާތް ﷲގެ ތަނަވަސް ރަހުމަތްފުޅުން، ހަމަ އެފަދަ އެހެން ފުރުސަތުތަކެއް އެކަލާނގެވަނީ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވައިފަ އެވެ. އެއީ މާތް ﷲގެ ޠާހިރު މަލާއިކަތް ބޭކަލުންގެ ސަލަވާތެވެ.
މާތް ﷲގެ އަޅުތަކުންނަށް ސަލަވާތް ލެއްވުމަކީ ﷲ ސުބްހާނަހޫ ވަތައާލާ އަށް ހާއްސަވެގެންވާ ކަމެކެވެ. އެހެން މަހުލޫގަކަށް ސަލަވާތް ލެއްވުމަކީ، އެއްވެސް މަހުލޫގަކަށް ލިބިގެންވާ ސިފައެއް ނޫނެވެ. އެހެންކަމުން، އަރަބި ބަހުގައި، މާތް ﷲގެ ޙަޟްރަތުން ފިޔަވައި އެހެން ފަރާތަކުން ސަލަވާތް ލެއްވުމުގެ މާނައަކީ، ދުއާ ކުރުމެވެ. ކީރިތި ޤުރްއާނުގެ ﷲ ސުބްހާނަހޫ ވަތައާލާ ވަޙީ ކުރައްވާފައިވެ އެވެ؛ إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ... (ސޫރަތުލް އަޙްޒާބު 56). މާނައީ: ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ސަލަވާތް ލައްވަތެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައި މަލާއިކަތުން ނަބިއްޔާގެ މައްޗަށް ސަލަވާތް ލައްވާ ކަމަށް އޮތް ބަސްފުޅުގެ މުރާދަކީ، އެ ބޭކަލުން ނަބިއްޔާގެ މައްޗަށް ހެޔޮ ދުއާ ކުރެއްވުމެވެ. އެކަލޭގެފާނަށް ހެޔޮ ރަހުމަތާއި ބަރަކާތް ލެއްވުމަށާއި ފާފަ ފުއްސެވުން އެދިވަޑައިގެން ދުއާ ކުރެއްވުމެވެ. ﷲ ސުބްހާނަހޫ ވަތައާލާ ސަލަވާތް ލެއްވުމުގެ މާނައަކީ ރަހުމަތް ލެއްވުމެވެ. އަދި މަލާއިކަތުން ސަލަވާތް ލެއްވުމުގެ މާނައަކީ، ފާފަ ފުއްސެވުން އެދި ދުއާ (އިސްތިޣްފާރު) ކުރެއްވުމެވެ.

ނަބަވީ ސުންނަތުން އިރުޝާދު ދެއްވާފައިވާ ގޮތުގައި، މުސްލިމުންނަށް ސަލަވާތް ލެއްވުން އެދިވަޑައިގެން މަލާއިކަތް ބޭކަލުން ދުއާ ކުރައްވާ ކިތަންމެ ހާލަތެއް ވެ އެވެ. މަލާއިކަތް ބޭކަލުން އަޅުގަނޑުމެންނަށް ހެޔޮ ދުއާ ކުރައްވާކަން ބަޔާން ކުރައްވައި، ﷲ ސުބްހާނަހޫ ވަތައާލާ ވަހީކުރައްވާފައިވެ އެވެ؛ هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ ۚ وَكَانَ بِالْمُؤْمِنِينَ رَحِيمًا (ސޫރަތުލް އަޙްޒާބު 43). މާނައީ؛ އެކަލާނގެއީ، ތިޔަބައިމީހުންގެ މައްޗަށް ރަހުމަތް ލައްވާ ރަސްކަލާނގެ އެވެ. އަދި އެކަލާނގެ މަލާއިކަތުން ތިޔަބައިމީހުންގެ ފާފަފުއްސެވުމަށް އެދި ދުއާ ކުރައްވަތެވެ. އެއީ ކާފަރުކަމުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމުގެ ތެރެޔަށް އެކަލާނގެ ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި މުއުމިނުންނަށް ރަހީމްވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެ އެވެ.

މަލާއިކަތް ބޭކަލުން މުސްލިމުންނަށް ސަލަވާތް ލައްވާ ބައެއް ހާލަތްތަކަކީ؛

1- މާތް ﷲގެ މަގުގައި ހޭދަކުރުން

މާތް ﷲ ރުއްސުންލެއްވި އަބީ ހުރައިރާ ރިވާކުރެއްވި އެވެ؛ ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)، ހަދީސް ކުރެއްވި އެވެ: مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلَّا مَلَكَانِ يَنْزِلَانِ فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا وَيَقُولُ الْآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا ‏(ބުޚާރީ އާއި މުސްލިމް). މާނައީ؛ ކޮންމެ ދުވަހަކު ދެ މަލާއިކަތް ބޭކަލުން މި ބިމަށް ފައިބައިވަޑައިގަންނަވާނެ އެވެ. އޭގެ ތެރެއިން އެއް ބޭކަލަކު ވިދާޅުވާނެ އެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަ އިލާހުގެ މަގުގައި ހޭދަކުރި މީހާ އަށް އެފަދަ ތަނަވަސްކަމެއް ދެއްވާނދޭވެ. އަދި އަނެއް ބޭކަލަކު ވިދާޅުވާނެ އެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އިބަ އިލާހުގެ މަގުގައި ހޭދަނުކޮށް މުދާތައް ހިފެހެއްޓި މީހާގެ މުދާތައް ނެތިކުރައްވައި އަބާއްޖަވެރި ކުރައްވާނދޭވެ.

މާތް ﷲގެ މަގުގައި ހޭދަކުރާ މީހާ އަށް، މަލާއިކަތް ބޭކަލުންގެ ހެޔޮ ދުއާ ހައްގު ވަނީ، އެކަމުގެ ސަބަބުން މާތް ﷲގެ އަޅުތަކުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް މަގު ފަހިވާތީ އެވެ. މާތް ﷲގެ މަގުގައި ހޭދަކުރާ މީހާ އޭނާގެ މުދަލުން އަނެކާއަށް ދޭ ދިނުމަކީ، އެހެން ބައެއްގެ ހައްގުތައް އާދާކުރުން ކަމަށް ވާތީ އެވެ. އެ ހައްގުތައް އަދާކުރާ މީހުންނަށް، އާހިރަތުގައި އެއްވެސް ބިރެއް އަދި ހިތާމައެއް ނެތްކަން، ﷲ ސުބްހާނަހޫ ވަތައާލާ ވަނީ އަންގަވައިފަ އެވެ.

މާތް ﷲ ވަހީ ކުރެއްވި އެވެ: الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (ސޫރަތުލް ބަޤަރާ 274). މާނައީ؛ އެއުރެންނީ، ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައި ވެސް އެއުރެން ނުމެވޭމެ އެވެ.

2- އުނގެނުމާއި އުނގަންނައިދިނުން

މީސްތަކުންނަށް އިލްމު އުނގަންނައިދިނުމަކީ ﷲ ސުބްހާނަހޫ ވަތައާލާގެ ޙަޟްރަތުގައި ވަރަށް މަތިވެރި ދަރުމަ އާއި ސަވާބު ލިބެނިވި ކަމެކެވެ. ސަބަބަކީ، އިލްމު އުނގެނުމަކީ މާތް ﷲ މައުރިފާކޮށް ދެނެގަތުމަށް އިންސާނާގެ ސިކުނޑި ހުޅުވައިލަދޭ ތަޅުދަނޑި އެވެ. ޖަހާލަތުގެ އަނދިރިކަމުގެ ތެރެއިން ހިދާޔަތުގެ އަލިކަމުގެ ތެރެއަށް އިންސާނާގެ މިސްރާބު ސީދާކޮށްދޭ އާރުކާޓީ އެވެ.

އެއް ދުވަހަކު، ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ އަރިހުގައި، އިލްމުވެރިއަކާއި އަޅުވެރިއެއްގެ ވާހަކަ ދެންނެވުމުން، އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ؛ މީސްތަކުންގެ މައްޗަށް ތިމަން ކަލޭގެފާނު މާތް ކުރައްވައި މަތިވެރި ކުރައްވާފައިވާ ފަދައިން، އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާ މަތިވެރި ކުރައްވައި މާތް ކުރައްވާފައިވެ އެވެ. (ޖާމިޢުއް ތިރްމިޛީ 2685). އެހެން ރިވާޔަތެއްގައި، އެ ތަފާތު ސިފަކޮށްދެއްވާފައިވަނީ، (وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ) އެހެން ހުރިހާ ތަރިތަކެއްގެ މައްޗަށް، ސާދަ ވިލޭރޭގެ ހަނދު އަލިވެ އުޖާލާވެގެންވާ ފަދައިން، އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މަތިވެރިވެ މާތްވެގެންވާ ކަމަށެވެ. (ރިވާކުރެއްވީ އަބޫ ދާވޫދާއި ތިރްމިޛީ)

އިލްމުވެރިންނަކީ އެފަދަ މަތިވެރި މާތް ބައެއް ކަމުގައި ވެގެންދަނީ، މީސްތަކުންނަށް ހެޔޮ ކަންތައް އުނގަންނައިދީ މާތް ﷲގެ ތެދުމަގަށް މީސްތަކުންނަށް މަގު ދައްކައިދޭތީ އެވެ. މާތް ﷲގެ އެއްކައުވަންތަކަމުގެ ނޫރުން މީސްތަކުންގެ ހިތްތައް އުޖާލާވެގެން ދަނީ، އިލްމުވެރިންގެ ތެދުވެރި އިހުލާސްތެރި މަސައްކަތުންނެވެ. އެ މަސައްކަތުގެ ސަބަބުން، ﷲގެ އަޅުތަކުންގެ ތެރެއިން އެތައް ބަޔަކު، ނަރަކައިގެ އަލިފާނުން މިންޖުވެ ސުވަރުގެވަންތަވެރިން ކަމުގައި ވެގެންދެ އެވެ.

އެހެންކަމުން، މާތް ﷲ އިރާދަކުރައްވާފައިވަނީ އެބައިމީހުންނަށްޓަކައި އެންމެހައި މަހުލޫގުން ހެޔޮ ދުއާ ކުރެއްވުމަށެވެ. أَبِي أُمَامَة الْبَاهِلِيّ ރިވާކުރެއްވި އެވެ؛ ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)، ހަދީސް ކުރެއްވި އެވެ: إِنَّ اللَّهَ وَمَلَائِكَتَهُ وَأَهْلَ السَّمَاوَاتِ وَالْأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّم النَّاسِ الْخَيْر. (ޖާމިޢުއް ތިރްމިޛީ 2685). ހަމަކަށަވަރު، މީސްތަކުންނަށް ހެޔޮ ކަންތައް އުނގަންނައިދޭ މީހާ އަށް މާތް ﷲ ސަލަވާތް ލައްވަ އެވެ. އަދި އުޑުތަކާއި ބިމުގެ އަހުލުވެރިންނާއި، ހޮރުތަކުގައި އުޅޭ ހިނިތަކަށް ދާންދެން، އަދި ކަނޑުތަކުގައި އުޅޭ މަސްމަހާމެހި ވެސް، އޭނާއަށް ހެޔޮ ދުއާ ކުރެތެވެ.

قَيْسِ بْنِ كَثِيرގެ އަރިހުން ރިވާވެގެންވެ އެވެ. މަދީނާ އިން ދިމިޝްގަށް އައި މީހަކު، މާތް ﷲ ރުއްސުންލެއްވި އަބިއް ދަރްދާއުއާ ބައްދަލުކުރެއްވުމުން، އަބިއް ދަރްދާއު ވިދާޅުވި އެވެ؛ އޭ އަހާ އެވެ. ތިބާ ތިޔަ އައީ ކޮން ކަމަކު ހެއްޔެވެ؟ އެ މީހާ ދެންނެވި އެވެ؛ އަހުރެން މިއައީ، ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ އަރިހުން ކަލޭގެފާނު ހަދީސެއް ރިވާކުރައްވާ ކަމަށް މީސްތަކުން ބުނާ އަޑު އިވިގެންނެވެ. އަބިއް ދަރްދާއު ވިދާޅުވި އެވެ؛ ތިބާ ތިޔަ އައީ އެހެން ކަމަކު ނޫން ހެއްޔެވެ؟ އޭނާ ދެންނެވި އެވެ: ނޫނެކެވެ. އަބިއް ދަރްދާއު ވިދާޅުވި އެވެ؛ ތިބާ ތިޔަ އައީ ވިޔަފާރި ކަމަކު ނޫން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ؛ ނޫނެކެވެ. އަހުރެން މި އައީ މި ބުނާ ހަދީސް ލިބިގަތުން ފިޔަވައި އިތުރު އެހެން ކަމަކު ނޫނެވެ. މިހެން ދެންނެވުމުން އަބިއް ދަރްދާއު ވިދާޅުވި އެވެ؛ ހަމަކަށަވަރުން ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) މިފަދައިން ހަދީސް ކުރެއްވި އަޑު އަހުރެން އެހީމެވެ؛ مَنْ سَلَكَ طَرِيقًا يَبْتَغِي فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا إِلَى الْجَنَّةِ وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ حَتَّى الْحِيتَانُ فِي الْمَاءِ وَفَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ إِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا إِنَّمَا وَرَّثُوا الْعِلْمَ فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ ‏‏(ޖާމިޢުއް ތިރްމިޛީ 2682)

މި ހަދީސްގެ މާނައީ؛ ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ އިލްމު ހޯދުމަށްޓަކައި މީހަކު މަގަކުން ދަތުރުކޮށްފި ނަމަ (އެބަހީ؛ އިލްމު ހޯދުމަށްޓަކައި ބުރަ އުފުލައިގެން ތަނަކަށް ދަތުރުކޮށްފި ނަމަ)، މާތް ﷲ އެ މީހަކު ސުވަރުގެ ވަންނާނޭ މަގެއް ފަހިކޮށްދެއްވާނެއެވެ. އަދި ހަމަކަށަވަރުން، އިލްމު ހޯދާ މީހާއަށް ރުހިވަޑައިގެން، މަލާއިކަތް ބޭކަލުން އެބޭކަލުންގެ ފިޔަފުޅުތައް ތިރިކޮށްލައްވާނެތެވެ. އަދި ހަމަކަށަވަރުން، އިލްމު އުނގެނިފައިވާ މީހާގެ ފާފަތައް ފުއްސަވައިދެއްވުން އެދި، އުޑުތަކާއި ބިމުގެ އަހުލުވެރިންނާއި، ކަނޑުތަކުގައި އެޅޭ މަސްމަހާމެއްސަށް ދާންދެން މާތް ﷲގެ ޙަޟްރަތުގައި ދުއާ ދަންނަވާނެތެވެ. އެހެން ހުރިހާ ތަރިތަކެއްގެ މައްޗަށް، ހަނދު އަލިވެ އުޖާލާވެގެންވާ ފަދައިން، އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާ މާތްވެގެން ވެ އެވެ. ހަމަކަށަވަރުން އިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ހަމަކަށަވަރުން، ވާރުތައެއްގެ ގޮތުގައި، ދީނާރެއް ދިރުހަމެއް (އެބަހީ މުދަލާއި ފައިސާއެއް) ދުލެއް ނުކުރައްވަތެވެ. ފަހެ ހަމަކަށަވަރުން އެބޭކަލުން ވާރުތައިގެ ގޮތުގައި ދޫކުރެއްވީ ހަމައެކަނި އިލްމެވެ. އެ އިލްމު ހާސިލުކޮށްފި މީހާ، ވަރަށް މަތިވެރި ނަސީބެއް ލިބިގެންފި އެވެ. (ނުނިމޭ)