ޓްރަމްޕު ފަނޑިޔާރަކަށް އިންޒާރު ދެއްވުމުން އުއްތަމަ ފަނޑިޔާރު ރައްދުގައި ބަޔާން ނެރުއްވައިފި
ޓްރަމްޕު ފަނޑިޔާރަކަށް އިންޒާރު ދެއްވުމުން އުއްތަމަ ފަނޑިޔާރު ރައްދުގައި ބަޔާން ނެރުއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖުޑީޝަރީއަށް ފާޑު ވިދާޅުވެ ކޯޓެއްގެ ފަނޑިޔާރަކު ވަކިކުރަން އިންޒާރު ދެއްވުމާ އެކު އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް ބަޔާނެއް ނެރުއްވައި ޓްރަމްޕަށް ރައްދު ދެއްވައިފި އެވެ.

"ޖުޑީޝަރީގެ ނިންމުންތަކާ މެދު އުފެދޭ ހިޔާލުތަފާތުވުމުގެ ރަނގަޅު ގޮތަކީ ފަނޑިޔާރުން މަގާމުން ވަކިކުރުން ނޫންކަމަށް ކަނޑައެޅިފައި އޮންނަތާ 200 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ،" ރޮބާޓްސްގެ ކުރު ބަޔާނުގައި ވިދާޅުވެފައިވެ އެވެ. "މިފަދަ މައްސަލަތަކުގައި އޮންނަނީ އާންމު އުސޫލުން އިސްތިއުނާފުކުރުމުގެ މަރުހަލާ."

ރޮބާޓްސް ރައީސަށް ފާޑުވިދާޅުވެފައިމިވަނީ ގަވައިދާ ހިލާފަށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ބިދޭސީން ޑީޕޯޓްކުރުމުގެ ފްލައިޓްތައް ހަފުތާ ބަންދުގައި ސަސްޕެންޑް ކުރަން އަމުރު ކުރެއްވި ޑިސްޓްރިކްޓް ޖަޖް ޖޭމްސް ބޯސްބާގް މަގާމުން ވަކިކުރުމަށް ޓްރަމްޕް ގޮވާލައްވާފައި ވަނިކޮށެވެ.

"މި ފަނޑިޔާރު ވެސް، އިންސާފެއް ނެތް އެހެން ފަނޑިޔާރުންނެކޭ އެއްގޮތަށް ވަކިކުރަން ޖެހޭ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.

ރައީސްގެ ބައެއް އެގްޒެކެޓިވް އަމުރުތަކަށް ހުރަސް އެޅި ޑިސްޓްރިކްޓް ކޯޓުތަކަށް ވައިޓް ހައުސްއިން ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނަމަވެސް މިއީ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ފަނޑިޔާރެއްގެ އިމްޕީޗްމަންޓަށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާގައި ފެޑެރަލް ފަނޑިޔާރުންނަކީ އުމުރު ދުވަހަށް ރައީސް ނޮމިނޭޓް ކުރައްވާ ފަނޑިޔާރުންނެވެ. އެ ފަނޑިޔާރުން މަގާމުން ދުރުކުރެވޭނީ "ބޮޑެތި ކުށްތައް ނުވަތަ އެކަށީގެނުވާ ބޮޑު ގޯސް އަމަލެއް" ހިންގި ކަމަށް ބުނެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން އިމްޕީޗްކޮށް ސެނެޓުން ކުށް ސާބިތުކޮށްގެންނެވެ.

ފެޑެރަލް ފަނޑިޔާރުންގެ އިމްޕީޗްމަންޓަކީ ވަރަށް މަދުން ނޫނީ އެމެރިކާގައި ކުރާ ކަމެއް ނޫނެވެ. އެންމެ ފަހުން ކޮންގްރެސްއިން ފަނޑިޔާރަކު ވަކިކުރީ 2010 ވަނަ އަހަރު އެވެ.

ޓްރަމްޕް އިންޒާރު ދެއްވިތާ ގިނައިރުތަކެއް ނުވެ ޓެކްސަސްގެ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ ބްރޭންޑަން ގިލް ވަނީ "ހަރުކަށި އެކްޓިވިސްޓް ފަނޑިޔާރެއް" ގެ ގޮތުގައި ބޯސްބާގް ސިފަކުރައްވައި އޭނާ އިމްޕީޗްކުރުމަށް ހައުސްއަށް ހުށަހަޅުއްވައިފަ އެވެ.

ޔުނިވާސިޓީ އޮފް ރިޗްމަންޑްގެ ލޯ ޕްރޮފެސަރެއް ކަމަށްވާ ކާލް ޓޮބިއަސް ވަނީ ރޮބާޓްސްގެ މި ރައްދަކީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. ފުރަތަމަ ދައުރުގައި ފެޑެރަލް ފަނޑިޔާރުންގެ ނިންމުންތަކަށް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން ވެސް އުއްތަމަ ފަނޑިޔާރު އެގޮތަށް ރައްދު ދެއްކެވިކަން އޭނާ ފާހަގަކުރެއްވި އެވެ.

ރޮބަޓްސް އޭރު ރައްދު ދެއްވީ ފެޑެރަލް ބެންޗުގައި "އޮބާމާގެ ފަނޑިޔާރުންނާއި ޓްރަމްޕްގެ ފަނޑިޔާރުންނާއި ބުޝްގެ ފަނޑިޔާރުން ނުވަތަ ކްލިންޓަންގެ ފަނޑިޔާރުން ނުތިބޭނެ" ކަމަށް ވިދާޅުވެ އެވެ.

ޓްރަމްޕަކީ މަދަނީ އަދި ޖިނާއީ ކުށްތައް ސާބިތުވެފައި ވަނިކޮށް އެމެރިކާގެ ވެރިކަން ކުރައްވާ ފުރަތަމަ ރައީސެވެ.