ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރީ އާއިލާއިން ކަމަށް ބުނެ އެމްޑީޕީން ފުލުހަށް
ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރީ އާއިލާއިން ކަމަށް ބުނެ އެމްޑީޕީން ފުލުހަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ޒާތީ މައުލޫމާތު އާންމު ކުރެއްވީ އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ގާނޫނީ ވަކީލު އާއިޝަތު އާއިޝަތު އާޒިމާ ޝަކޫރު ކަމަށް ބުނެ، އެ ދެ ބޭފުޅުންގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

އެ ޕާޓީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އެކްޓިވިސްޓެއް ކަމަށްވާ، މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ މައްސަލަ އެކި މުއައްސަސާތަކުން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ.

އެ މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނުގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު ވަނީ ރައީސްގެ އަނބިކަނބަލުން ނެރުއްވި ނޫސްބަޔާނެއް އިއްވައިފަ އެވެ. އެ ބަޔާނުގައި ވަނީ ކުއްޖާގެ ނަމާއި އުމުރު ފަދަ ބައެއް ޒާތީ މައުލޫމާތު ހިމެނެ އެވެ.

އެ މައްސަލާގައި އެމްޑީޕީން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު އަހުމަދު މައުރޫފު ތުހުމަތު ކުރެއްވި ގޮތުގައި، ކަރާމާތް ނަގާލީ އެ ކުއްޖާގެ މަންމަ އާއި އިތުރު ބަޔަކު ވެގެންނެވެ. އެހެންވެ، އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ދަށުން ކުޑަކުދިންގެ މައްސަލަތައް ބަލާ ޑިޕާޓްމަންޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މުޒާހަރާގައި ވާހަކަ ދެއްކި ފަރާތުން ކުއްޖާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އާޒިމާ ވަނީ ކުއްޖާގެ ނަމާއި އުމުރާއި އެހެން މައުލޫމާތުތައް އާންމުކޮށްފައި ކަމަށާއި ކުއްޖާއަކީ ކޮން ކުއްޖެއްކަން އެނގުނީ އެ ހިސާބުން ކަމަށް މައުރޫފު ވިދާޅުވި އެވެ.

"މި ބާވަތުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ކުޑަދިންގެ ނަމާއި އަބުރާއި ނުރައްކާވާ ގޮތަށް ހުތުރުވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެ، އެއީ މައިންބަފައިން ކަމުގައި ވިޔަސް،" މައުރޫފް ވިދާޅުވި އެވެ.

ރައީސްގެ ދަރިކަލުންނަށް އަދި އުމުރުން 18 އަހަރު ނުވާއިރު، އެ ކުއްޖާއާ ގުޅުވައިގެން ދެއްކި ވާހަކަތަކުގެ މައްސަލާގައި މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާގެ ފަރާތުން ވަނީ ނިންމައިފަ އެވެ.

ފަސްޓް ލޭޑީ ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެކަމުގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ތުހުމަތު ކޮށްފަ އެވެ. އެކަމަކު ރައީސްގެ އާއިލާ އިން އެކަން ދޮގު ކުރައްވަ އެވެ.

"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާ އެކު ދަންނަވަމެވެ،" ބަޔާނުގައި ފަސްޓް ލޭޑީ ވިދާޅުވެފައި ވެ އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި އެމްޑީޕީގެ ވަކީލު މައުރޫފް ވިދާޅުވީ އެ ހާދިސާ އަށް ފަހު ދައުލަތުގެ މުއައްސަސާތަކުން ފުލުފުލުގައި ބަޔާންތައް ނެރެފައިވާ ކަމަށާއި ކުޑަކުދިންނާ ގުޅޭ އެހެން މައްސަލަތަކުގައި އެގޮތަށް އަމަލުނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެދެނީ ވީހާ ވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.