18 މާޗް 2025 - 14:25

ގދ. ފިޔޯރީ ފަޅުތެރެއިން މާވަހަރެއް ފެނިއްޖެ އެވެ.
އެ މާވަހަރު ފެނުނީ އެ ރަށުގެ މީހަކާ އިނދެގެން އުޅޭ އެ އަތޮޅު ފަރެސްމަތޮޑާ މީހަކަށެވެ.
މާވަހަރު ހޮވި އަހުމަދު އަބްދުﷲ "މިހާރު" އަށް ބުނީ އޭތި ފެނުނީ އޭނާ ދުއްވާ ލޯންޗުގައި ދަތުރެއް ކޮށްދީފައި އައިތަނުން ރަށުގެ ފަޅު ތެރެއިން ކަމަށެވެ.
"ޖެޓީ ކައިރިއަށް ކައިރިކުރިއިރު ލޯންޗު ކައިރީގަ އޮތީ. ނުނަގަން، ނަގަން ހުރެފައި ނެގީ ވެސް، ޔަގީން ނުވާތީ،" އޭނާ ބުންޏެވެ.
އެ މާވަހަރުގައި ގާތްގަނޑަކަށް 300-400 ގްރާމް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
އެއީ މާވަހަރެއްކަން އަދި މުޅިން ޔަގީން ނުވެ އެވެ. އެކަމަކު، ބައެއް މީހުންނަށް ދެއްކުމުން މާވަހަރެއް ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މާވަހަރެއްތޯ އިތުރަށް ޔަގީންކުރަން، ބޭރަށް ފޮނުވައިގެން ނަމަވެސް ޓެސްޓު ކުރެވޭނެ ގޮތެއް ވޭތޯ ބަލަމުން އަންނަ ކަމަށެވެ.