14 މާޗް 2017 - 13:07

ޓިއުރިން (މާޗް 14) – ޔުވެންޓަސް އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކާ އެއް ފެންވަރެއްގައި ކަމަށް އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް ނުކުންނައިރު އަނެއް ބުރަށް ދިއުމަށް ޔުވެންޓަސް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ޕޯޗުގަލްގައި ކުޅުނު ފުރަތަމަ ލެގު އެ ޓީމު ވަނީ 2-0 އިން ކާމިޔާބުކޮށްފަ އެވެ.
ޑިބާލާ ބުނީ ކުއާޓާ ފައިނަލަށް މިހާތަނަށް ގޮސްފައިވާ ޓީމުތަކުގެ ތެރޭގައި، ވަރަށް ވަރުގަދަ ޓީމުތަކެއް އެބައުޅޭ ކަމަށާއި އެ ޓީމުތަކީ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ޓީމުތައް ކަމަށެވެ. ޑިބަލާ އިޝާރާތްކުރީ ބަޔާން މިއުނިކާއި ބާސެލޯނާ އައި ރެއާލް މެޑްރިޑަށެވެ.
"ޗެމްޕިއަންސް ލީގު ފެށުނީއްސުރެ އަހަރެމެން މިއޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކާ އެއް ފެންވަރެއްގައި. ކުއާޓާ ފައިނަލަށް ގޮސްފި ނަމަ އަހަރެމެން ވެސް އެ ލިސްޓަށް ދާނެ،" ޑިބާލާ ބުންޏެވެ.
"އަހަރެމެން މިއޮތީ ލީގުގެ އެއް ވަނައިގައި. އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ވެސް ކާމިޔާބުކުރިން. އެހެންވެ އެއްގޮތުން ބަލާއިރު އަހަރެމެން މިއޮތީ އެ ޓީމުތަކަށް ވުރެ ވެސް ރަނގަޅު ހިސާބެއްގައި."
ޑިބާލާ ބުނީ އޭނާގެ އުމުރާއި ޔުވެންޓަސްގައި ހޭދަކުރި މުއްދަތަށް ބަލާއިރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިއްޖެ ނަމަ އެކަން ވެގެންދާނީ އާދަޔާހިލާފު އުފަލަކަށް ކަމަށެވެ.
"އަހަރެން ބޭނުން ޗެމްޕިއަންސް ލީގުގައި ވެސް ޓީމަށް މުހިއްމު ކުޅުމެއް ދައްކަން. ލީގުގައި ދައްކާ ފަދަ ކުޅުމެއް ދައްކަން. އެކަމަކު އެކަން ނުވިޔަސް މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ އެވެސް ލިބޭނެ އުފަލެއް."
ޑިބާލާ އަކީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޗެލްސީން ވަރަށް ބޮޑަށް ބޭނުންވާ ކުޅުންތެރިޔެކެވެ.