18 މާޗް 2025 - 11:37

އިޒްރޭލާއި ހަމާސް އިން ހެދި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަމަލާ ނުދީ ތިބުމަށް ފަހު އިޒްރޭލުން ޣައްޒާގެ އެތަންމިތަނަށް ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 330 އިން މަތި ކަމަށް ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި ޝަހީދުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ބައެއް މީސްމީހުންގެ އާއިލާތައް އެއްކޮށް ޝަހީދުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް ފަހު ދެ ވަނަ މަރުހަލާ ފެށުމުގެ ގޮތުން އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން އެމެރިކާ އާއި އިޒްރޭލުން ކުރި ޝަރުތަށް ހަމާސް އެއްބަސް ނުވުމުން ކަމަށް ބުނެ ދިން ހަމަލާތައް އަމާޒުކުރީ ހަމާސްގެ މަރުކަޒުތަކަށް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ހަމާސްގެ ބައެއް އޮފިޝަލުން އޭއެފްޕީއަށް ކަށަވަރުކޮށްދިން ގޮތުގައި ހަމާސް އިން ޣައްޒާގެ ޕޮލިސް އަދި އިންޓާނަލް ސެކިއުރިޓީ ބެލެހެއްޓުމުގައި އިސްކޮށް ހުންނަވާ ޖެނެރަލް މަހްމޫދު އަބޫ ވަފްތާ ވަނީ މި ހަމަލާތަކުގައި އަވަހާރަވެފަ އެވެ. އިޒްރޭލުން ބުނާ ގޮތުގައި ހަމާސްގެ އެކި ފަންތީގެ އިސް އެތައް ބަޔަކު ވަނީ މި ހަމަލާތަކުގައި އަވަހާރަކޮށްލައިފަ އެވެ.
ހަމާސް އިން ބުނީ އިޒްރޭލުގެ ހަމަލާތަކާ އެކު ރަހީނުންނަށް ދެން ވާނެ ގޮތެއް ނޭނގޭ ކަމަށާއި މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވި ގޮތް ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނީ ރަހީނުކޮށްފައިވާ އެންމެން ދޫކޮށްނުލާހާ ހިނދަކު ހަމަލާތައް ދާނީ ކުރިއަށް ކަމަށެވެ.
"ރަހީނުކޮށްފައިވާ އެންމެން މިނިވަން ނުވާހާ ހިނދަކު، އަދި ހަނގުރާމައިގެ ހުރިހާ މަގްސަދެއް ހާސިލް ނުވަނީސް ހަމަލާތަކެއް ނުހުއްޓާނަން،" އޭނާ ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 1،800 މީހުން މިނިވަންކުރި އެވެ. ހަމާސް އިން ވަނީ މަރުވި އަށް މީހުންނާ އެކު އިޒްރޭލުގެ 33 މީހަކު ދޫކޮށްލައިފަ އެވެ. ދެ ވަނަ މަރުހަލާގައި އޮތީ ދާއިމީކޮށް ހަމަލާތައް ހުއްޓާލުމާ ބެހޭ މަޝްވަރާތަކާއި ހަމާސްގެ އަތްދަށުގައި ބާކީ ތިބި އިޒްރޭލު ރަހީނުންގެ މިނިވަންކުރުމުގެ މަސައްކަތެވެ.