18 މާޗް 2025 - 11:16

މެކްސިކޯގެ މޮންޓެރޭ އަށް ކުޅެމުން އަންނަ ރެއާލް މެޑްރިޑާއި ސްޕެއިންގެ ލެޖެންޑް ސާޖިއޯ ރާމޯސް އަށް، އެ ޓީމުގެ ޖާޒީގައި ފުރަތަމަ ފަހަރަށް ރަތް ކާޑު ދައްކައިފި އެވެ.
މިއީ އުމުރުން 38 އަހަރުގެ ރާމޯސް އަށް އޭނާގެ ކެރިއަރުގައި ދެއްކި 30 ވަނަ ރަތް ކާޑެވެ.
ލީގާ އެމްއެކްސްގައި އިއްޔެ ޕޫމާސްއާ ދެކޮޅަށް ރަށުން ބޭރުގައި 3-1 އިން މޮޅުވި މެޗުގައި ރާމޯސް އަށް ރަތް ކާޑު ދެއްކީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ވެސް ދެ ވަނަ މިނިޓު ތެރޭގަ އެވެ. އެއީ އިދިކޮޅު ފޯވާޑް ގުއިލާމޯ މާޓިނޭޒް ކުރިއަށް ގެންދިޔަ ދިޔަ ބޯޅަ ބޭރު ކޮށްލުމަށް ފަހު ފަހަތުން ކުޅުންތެރިޔާގެ ގައިގައި ބޫޓުން ޖެހުމުންނެވެ.
މެޗަށް ފަހު ރާމޯސް ވެސް ވަނީ އޭނާ، މެކްސިކޯ ލީގު ދޫކޮށްލުމުގެ ކުރިން ރަތް ކާޑެއް ހޯދުން އެއީ ޔަގީން ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔެފަ އެވެ.
ރެއާލް މެޑްރިޑުގެ ޖާޒީގައި ރާމޯސް އަށް 26 ފަހަރު ރަތް ކާޑު ދައްކާފައި ވާއިރު، ޕީއެސްޖީގައި ވަނީ ދެ ރަތް ކާޑު ހޯދައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް ކުޅެނިކޮށް ވެސް އޭނާ އަށް ރަތް ކާޑެއް ދައްކާފައިވެ އެވެ.
ރަތް ކާޑާ އެކު ވެސް، މި އަހަރުގެ ޖެނުއަރީ މަހު ހިލޭ ޓްރާންސްފާގައި މޮންޓެރޭ އަށް ބަދަލުވި ރާމޯސް އަންނަނީ މެކްސިކޯ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޓީމުގެ ކެޕްޓަންގެ ގޮތުގައި އޭނާ ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ތިން ގޯލު ޖަހައިފަ އެވެ.
ރާމޯސް ވަނީ 2021 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ދެ ޔޫރޯ މުބާރާތުގެ އިތުރުން ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރި ކުޅުންތެރިޔާ ގައުމީ ޖާޒީގައި ކުޅުނު 180 މެޗުން އޭނާ އަށް ރަތް ކާޑެއް ދައްކާފައެއް ނުވެ އެވެ.