18 މާޗް 2025 - 11:36

ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިވަގުތު މައުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ ވިޔަފާރީގެ އުސޫލުން ދަނޑުތައް ހައްދާ މީހުންނާއި ވިޔަފާރީގެ އުސޫލުން ކުދި ޖަނަވާރު އަދި ކުކުޅު ގެންގުޅޭ މީހުންނާއި ވިޔަފާރި އުސޫލުން ގަސް ހައްދާ މީހުންގެ ކަމަށެވެ.
މިނިސްޓްރީން ވަނީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި އެކަމުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ މީހުން، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މެއިލް މެދުވެރިކޮށް އެންގުމަށް އެދިފަ އެވެ.
މިހާރު އެކުލަވާލުމަށް ތައްޔާރުވަމުންދާ ދަފްތަރުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.