14 ޖޫން 2016 - 11:11

މާލޭގެ ނޫރު މިސްކިތް ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ ކުޑަކުއްޖަކާއި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެންނަކީ ވެސް ދިވެހީންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި އެއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަަމަށް ބެލެވޭ ކަމަށެވެ. އަދި އެ މާރާމާރީގައި ޒަހަމްވި އުމުރުން 21 އަހަރުގެ ފިރިހެން މީހާގެ ބޮލުގެ ދެ ތަނަކަށާއި އަތަށް ވަނީ ވަޅި ހަރައިފަ އެވެ. އޭނާއަށް އޭޑީކޭއިން އަންނަނީ ފަރުވާދިފަ އެވެ.
މި މަހުގެ ކުރީކޮޅު ވެސް މާލޭގައި ދެ ގްރޫޕެއްގެ ދެމެދު ހިންގި މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ދެކުދިން ވަނީ މަރުވެފަ އެވެ.