17 މާޗް 2025 - 23:26

މާލޭގެ އަލިމަސް ކާނިވަލުގައި ހުންނަ ސްޓޭޖު ތަޅާލައި އެ ތަނުގައި ޒަމާނީ އާ ސްޓޭޖެއް ހަދަން ހަތަރު މިލިއަން ރުފިޔާ އަށް ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.
އެ ކައުންސިލުން މިރޭ ބުނީ، ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. މަސައްކަތުގެ އަގަކީ ސިޓީ ކައުންސިލުން ބުނިގޮތުގައި 4.8 މިލިއަން ރުފިޔާ އެވެ.
އާ ސްޓޭޖުގެ މަސައްކަތް އެ ކުންފުނިން ނިންމަން ދެ ފަރާތުން އެއްބަސްވެފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އެއީ 140 ދުވަހެވެ.
އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި އެ ތަނުގައި އާ ސްޓޭޖެއް ހަދާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު 5 ގައި އިއުލާންކުރި އެވެ. މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2004 ގައި ހަދާފައިވާ އަލިމަސް ކާނިވާ ސްޓޭޖުގެ ބަދަލުގައި އާ ސްޓޭޖެއް ހެދުމަށް ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފައި ވެ އެވެ.
އާ ސްޓޭޖުގެ ފޮޓޯ އާންމު ކުރައްވައި، މާލޭގެ މޭޔަރު އާދަމް އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން ހަލާކުވެ، ވީރާނާވާން ދޫކޮށްލާފައިވާ ސްޓޭޖު "ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި" ކަމަށެވެ.