17 މާޗް 2025 - 22:20

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، މާލޭ ސިޓީ ކައުންސިލްގެ ހުއްދައާ އެކު، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހަދައިފި އެވެ.
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ހުސްކުރިއިރު އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކައުންސިލުން އޮތީ އޭރު ނިންމައިފަ އެވެ.
ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ސޯޝަލް މީީޑިއާގައި އާންމުކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި މާފަންނު ސަރަހާގައި މިހާރު ވަނީ ބައިބަލާ ކުޅޭ ތަނެއް ހަދައިފަ އެވެ.
މީގެ ކުރިން ވެސް ނާޖިހު ވަނީ މާފަންނު ސަހަރާގެ ގަބުރުތައް ނަގައި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އާސަހަރާ ހަދައި، މާފަންނު ސަހަރާ ހިމެނޭހެން މާލޭގެ އެހެން އަވަށްތަކުގައި ހުރި ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ. އެ ސަހަރާއަކީ ރާއްޖޭގެ ތާރީހުގެ ވެސް މުހިންމު ތަރިކައެކެވެ.
ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާއި ތަމަޅަ ޓައިގަރުން ބައިވެރިވެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުންގެ މަހާނަތައް ވެސް މާފަންނު ސަހަރާގައި އެބަހުއްޓެވެ.
މާލޭގައި ހުރި މަދު ހުސްބިންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބިން ހުސްކުރާތީ ނާޖިހު ވަނީ މާލޭގެ ތާރީހާ ގުޅިލާމެހިފައިވާ އަދި މާލޭގައި ދިރިއުޅޭ އެތައް ބައެއްގެ މައިންބަފައިންނާއި ގާތްތިމާގެ ގިނަ ބަޔަކު ވަޅުލާފައިވާ ގަބުރުސްތާނު ހުސްކުރާ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އޭރު ވެސް ވިދާޅުވެފަ އެވެ.
މިހާރު ސަހަރާގެ ވަކި ސަރަހައްދެއްގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާއިރު އެ މައްސަލާގައި "މިހާރު" އިން ސުވާލުކުރުމުން މާލޭގެ މޭޔަރު އާދަމް އާޒިމް ޖަވާބެއް ނުދެއްވި އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ސަހަރާ އިން ގަބުރުތައް ނަގައި އެތަން އެއްކޮށް ވަނީ ހުސްކޮށްފަ އެވެ. އަދި އެ ބިމުން ބައެއް ދީފައި ވަނީ ކުރިއަށް އޮތް ފިތުރު އީދުގައި އޮންނަ ބައިބަލާ މުބާރާތަކަށް ތައްޔާރުވާ ބަޔަކަށް ކަމަށްވެ އެވެ.