17 މާޗް 2025 - 17:28

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު އިފްތިތާހު ކޮށްދެއްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަނުގައި ވެސް ހަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ އެ ޑައިލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިން" ގެ ޕެނަލް ޑިސްކަޝަންގައި ވެސް މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާ ކުރުމުގެ މުހިއްމު ކަމާ ގުޅިގެން ވެސް މިނިސްޓަރު އަލިއަޅުއްވާލައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ރައިސީނާ ޑައިލޮގަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިސްވެރިންނާ ވެސް ހަލީލް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.