18 މާޗް 2025 - 05:15

ފަލަސްތީނުގެ ޣައްޒާގައި މިހާރުވެސް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދަތިކޮށް އޮތް އިރު އިޒްރޭލުން އަލަށް އަމަލުކުރަން ފެށި އުސޫލުތަކުގެ ސަބަބުން އެ މަސައްކަތް ދެން ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް އެހީގެ ޖަމިއްޔާތަކުން ބުނެފި އެވެ.
އެންޖީއޯއެއްގެ އިސް މެންބަރަކު އޭއެފްޕީއަށް ވާހަކަ ދައްކަމުން ބުނީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ހިސާބުން ވެސް އެހީގެ ޖަމާއަތްތަކުން މަސައްކަތްކުރަމުން ދިޔައީ ވަރަށް ދަތި އުނދަގުލުގައި ކަމަށެވެ. އަދި މިހާތަނަށް ވެސް އިޒްރޭލުގެ ހުރަސްތަކުގެ ކުރިމަތީ ކެތްތެރިކަމާ އެކު މަސައްކަތްކުރަމުން ދިޔަ ކަމަށް ބުންޏެވެ.
ނަމަވެސް ފަލަސްތީނުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން އިޒްރޭލުން ކޮންޓްރޯލްކުރާ އިދާރާއިން އިން މިދިޔަ މަހުގެ ތެރޭގައި ވަނީ އެހީ ބެހުމުގެ ކަންކަން އަލުން ތަރުތީބު ކުރުމުގެ ޕްލޭނެއް ހުށަހަޅައިފަ އެވެ. އެންޖީއޯގެ މެންބަރު ބުނީ ކުރިން ވެސް އުނދަގުލުގައި މަސައްކަތްކުރި ނަމަވެސް މިހާރު ކަނޑައަޅާފައިވާ ގޮތް ގިނަ އެންޖީއޯތަކަށް ބަލައިނުގަނެވޭނެ ކަމަށެވެ.
"ޣައްޒާގައި އެހީ ފޯރުކޮށްދިނުމުގެ ގާބިލްކަން އޮތް ވަރާއި އުސޫލުތަކަށް ތަބާވެވޭނެ މިންވަރާއި ހުރި ހުރަސްތަކެއް އެއްކޮށް ބަލާއިރު ... މިއީ ދުނިޔޭގެ ނިމުމޭ ހީވާ ވަރުވޭ،" އިޒްރޭލުގެ ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ބިރަށް ނަން ނުޖަހަން އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އަހަރެމެން މި ކުރާ ކަންތައް، އަލިފާން ނިއްވާ ފުޅިއަކުން ނިއުކްލިއާ ބޮމެއް ނިއްވަން އުޅުމެކޭ އެއްވަރު."
އެންޖީއޯތަކުން ބުނި ގޮތުގައި ފެބްރުއަރީ މަހުގެ ފަހުކޮޅު އިޒްރޭލުން ވަނީ އަސްކަރިއްޔާއިން ލޮޖިސްޓިކް ސެންޓަރުތައް ބެލެހެއްޓުމާއި، މުޅި އިންސާނީ އެހީގެ ސަޕްލައި ޗެއިންގެ މައްޗަށް ހަރުކަށި ކޮންޓްރޯލެއް ގެންގުޅެން ފަށައިފަ އެވެ.
"ލޮޖިސްޓިކް ގޮތުން މިއީ ހަމަ ކުރުން ނާދިރު ކަމަކަށް ވާނެ،" މެޑިކަލް އެންޖީއޯއެއްގެ މެމްބަރަކު ބުންޏެވެ.
އޭނާ ބުނީ އެކި ބޭސްތައް ލިބޭ މީހުންގެ ނަން ވަކިވަކި އިޒްރޭލުގެ އަސްކަރިއްޔާއަށް ހާމަކުރަން ވެސް ޖެހިދާނެ ކަމަށެވެ.
އިޒްރޭލުން ބުނެފައިވަނީ ފިޔަވަޅުތައް ހަރުކަށިކުރީ އެހީގެ ސާމާނު ހަނގުރާމަވެރިންނަށް ލިބި އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދޭން ކަމަށެވެ.