17 މާޗް 2025 - 11:50

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުވާ ބަންގުލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެމީހުންގެ ބަންދަށް 10 ދުވަސް ދީފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްގެ ދެ މީހަކު ކަމަށްވާ ކަބީރު މިއާ، 24، އާއި އޮމަރު ފާރޮކް ރާޖޮ، 28، އެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނުގައި 1.97 ކިލޯ ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، އެ ތަކެތި ހުރީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ލަގެޖެއްގަ އެވެ. ބަންދު އަމުރުގައިވާ ގޮތުން ކަސްޓަމްސް ކްލިއަރެންސް ހަދައި އެއާ ހަވާލުވާން ދިޔައީ ބިދޭސީއެކެވެ. ޕެކޭޖު ގެންދަން ޖެހޭ ފަރާތަށް ގެންދިޔުމުގައި ކޮންޓްރޯލް ޑެލިވަރީ ހިންގި ކަމަށާއި ޕެކޭޖާ ހަވާލުވާން ވެސް ދިޔައީ ބިދޭސީއަކު ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެއާ ހަވާލުވި ބިދޭސީ މީހާ ބުނީ އެއީ މީހަކު ބުނެގެން ހަވާލުވި އެއްޗެއް ކަމަށެވެ.