17 މާޗް 2025 - 11:40

ޖީބުން ފެނުނު ވަޅި އަކީ ރައްޓެއްސަކު ކޮފީއަށް ދާން ބުނުމުން އަވަސްކޮށްލާފައި ދިޔައިރު ހަނދާން ނެތިގެން ގެންދެވުނު އެއްޗެއް ކަމަށް، މާރާމާރީ ހިންގަން އުޅޭ ކަމުގެ ތުހުމަތަށް ހުއްޓުވައި ހައްޔަރުކުރި މީހަކު ކޯޓުގައި ބުނެފި އެވެ.
އެ މައްސަލާގައި، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާ ހައްޔަރުކުރީ މާލޭގައި މާރާމާރީއެއް ހިންގުމަށް ވެހިކަލެއްގައި ދުއްވަމުންދާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން މަގުތައް ޕެޓްރޯލްކުރަމުން ދަނިކޮށް ފެނިގެންނެވެ. އަދި ފުލުހުން އޭނާ ހުއްޓުވީ ނުރައްކާތެރި ގޮތަކަށް ސައިކަލެއް ދުއްވަމުން ދަނިކޮށް ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.
ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ވަޅިއެއް ފެނުނު ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
"މީނާ ބުނަނީ އެއީ މީނާގެ ވަޅިއެއް ކަމަށާއި ގޭގައި ހުއްޓާ ރަހުމަތްތެރިއަކު ގުޅައި ކުއްލިއަކަށް ކޮފީއަކަށް އަންނަން ބުނުމުން ހަނދާން ނެތިގެން ވަޅި ޖީބުގައި އޮވެ ބޭރަށް ދެވުނީ ކަމަށް،" ކޯޓު އަމުރުގައި ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ އެ ބާވަތުގެ ނުވަތަ ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެކެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.