17 މާޗް 2025 - 11:00

އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައި، މި ވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމް ކުރަން ޖާގަ ދިނުމަށް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ، ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާ ނިންމާފައި އޭނާ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެ މައްސަލާގައި ފަސްޓް ލޭޑީ އެެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ހަމަލާތަކާއި ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. އަދި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ފަސްޓް ލޭޑީ ކުށްވެރި ކުރެއްވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވިގޮތުގައި، އެއްވެސް މީހަކަށް ހަމަލަދީ އުނދަގޫ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ.
މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސާޖިދާގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި މަންދީގެ މައްޗަށް ދައުވާކުރަން އާއިލާ އިން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު ރައީސްގެ އާއިލާ އިން އެކަން ދޮގު ކުރައްވަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބަޔާނެއް އިއްވައިފަ އެވެ.
އެ ބަޔާނުގައި ސާޖިދާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދެ އެވެ. އޭގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގުބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާތީ އެ މައްސަލާގައި މަންދީ އަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ އެއީ މަންމައެއްގެ ހައިސިއްޔަތުން އަޅުއްވަން މަޖުބޫރުވި ފިޔަވަޅެއް ކަމަށެވެ.