17 މާޗް 2025 - 06:48

(އިއްޔެގެ ނޫހާ ގުޅޭ)
މި ތަރުތީބުން ސާފުކޮށް އެނގެނީ، ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ރޯދަ އަށް ހުރެ މާތް ﷲގެ ޙަޟްރަތަށް ދުއާ ދެންނެވުމުގެ މުހިންމު ކަމެވެ. ރޯދައިގެ ވަރުބަލިކަމާއި ކަރުހިއްކުމާއި ބަނޑުހައި ކަމުގައި ހުރެ، އެކަލާނގެ ޙަޟްރަތުގައި ދުއާ ދެންނެވުމުގެ މުހިންމު ކަމެވެ. އެހެނީ، ރޯދައިގެ ސަބަބުން، ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުން އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ، ހާލިގުވަންތަ އިލާހުގެ ޙަޟްރަތަށް އޭނާ ކުއްތަން ކޮށްދޭނެ ސަބަބެކެވެ.
ރޯދައިގެ އަޅުކަމަކީ އަޅާ އާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައި އޮންނަ އަޅުކަމެކެވެ. އެހެން ހުރިހާ އަޅުކަމަކީ، އަނެކުންނަށް އެ އަޅުކަމުގެ އެނގުން ވާ އަޅުކަންތަކެވެ. ނަމަވެސް އިންސާނާ ރޯދައަށް ހުންނަ އިރު، އޭނާ އެ ހުރީ ރޯދައަށް ކަން، އޭނާގެ އަމިއްލަ ނަފްސަށާއި އޭނާގެ ވެރި ރަސްކަލާނގެއަށް މެނުވީ ނޭނގެ އެވެ. ސަދަގާތަކީ ކަނާތުން ކުރާ ސަދަގާތް ވާތަށް ވެސް ނޭނގޭހާ ސިއްރުން ކުރަން އޮންނަ އަޅުކަމަކަށް ވިޔަސް، އެ އަޅުކަމަކީ ވެސް ސަދަގާތް ލިބޭ މީހާ އަށް އެނގޭނެ އަޅުކަމެކެވެ.
ރޯދައިގެ އަޅުކަން މިއާ މުޅިން ތަފާތެވެ. މީހަކު ނުކައި ނުބޮއެ ހުންނަ ކޮންމެ ފަހަރަކު އެ ހުންނަނީ ރޯދައަކަށް ނޫނެވެ. ނަމަވެސް ނުކައި ނުބޮއެ ރޯދައަށް ހުންނަ އިރު، އޭނާ އެ ހުރީ ރޯދައަށް ކަން، އެނގޭނީ އޭނާ އަށާއި އޭނާގެ ވެރި ރަސްކަލާނގެއަށް އެކަންޏެވެ. ކައިރީގައި ޖެހިގެން ހުންނަ މީހާއަށް ވެސް އެކަމެއް ނޭނގޭނެ އެވެ. ސަބަބަކީ، ރޯދައަކީ ހިތާއި ހަށިގަނޑުން، ރޫހާނީ ގޮތުންނާއި މާނަވީ ގޮތުން އަދާ ކުރެވޭ އަޅުކަމަކަށް ވާތީ އެވެ.
ދުއާ ކުރުމަކީ އަޅުތަކުންގެ މަސްލަހަތަށްޓަކައި ޝަރުއު ކުރައްވާފައިވާ އަޅުކަމަކަށް ވުމުން، ދުއާ ކުރުމަށް އަންގަވާފައިވާ އާޔަތްތައް ކީރިތި ޤުރްއާނުގައި ވަރަށް ގިނަ އެވެ. ކީރިތި ޤުރްއާންގެ ފުރަތަމަ ސޫރަތުގައި ވަނީ މާތް ﷲގެ ޙަޟްރަތަށް، އިންސާނާ ކުރާ ދުއާތަކެވެ. އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދެއްކެވުމަށް ކުރެވޭ ދުއާ އެވެ. އަދި އެ ކަލާނގެއަށް އަޅުކަން ކުރުމުގެ ވާގި ދެއްވުން އެދި ކުރެވޭ ދުއާ އާއި އެކަލާނގެ އަށް ކިޔަމަންގަތުން މަތީ ދެމެހެއްޓެވުމަށް ކުރެވޭ ދުއާ އެވެ.
ހަމައެފަދައިން ކީރިތި ޤުރްއާން ނިންމަވާފައި ވަނީ ވެސް މާތް ﷲގެ ޙަޟްރަތަށް ކުރެވޭ ދުއާތަކަކުންނެވެ.
އެ ސޫރަތް ކިޔެވޭ ހިނދު، އަޅުގަނޑުމެން މުހާތަބު ކުރަނީ، މީސްތަކުންގެ ވެރިރަސްކަލާނގެ، މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެ އަދި މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއާ އެވެ. އެ އިލާހުގެ ޙަޟްރަތަށް އަޅުގަނޑުމެން ދުއާ ދަންނަވަނީ، އިންސީންނާއި ޖިންނީންގެ ތެރެއިން، ފިލައި ތިބެ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިތާނާގެ ނުބައިކަމުން ރައްކާތެރިކަން ދެއްވުމަށް އެދި އެވެ.
ކީރިތި ޤުރްއާންގެ ފެށުމުގަޔާއި ކީރިތި ޤުރްއާންގެ ނިމުމުގައި، ﷲ ސުބްހާނަހޫ ވަތައާލާ އަށް ކުރެވޭ ދުއާތަކެއް، އެކަލާނގެ ހިމަނުއްވާފައި އޮތުމުން، ދުއާ ކުރުމުގެ މުހިންމު ކަމާއި އެ އަޅުކަމުގެ މަތިވެރިކަން ވަޒަން ކުރެވެ އެވެ. ދުއާ ކުރުމަށް އެހާ މަތިވެރި ދަރަޖައެއް، އެކަލާނގެ ދެއްވާފައިވަނީ ދުއާއަކީ އަޅުކަންތަކުގެ ފުރާނަ އަދި އޭގެ ސިކުނޑި ކަމުގައި ވާތީ އެވެ.
ދުއާ ކުރުމުގެ މުހިންމު ކަމާއި ދުއާ ނުކުރުމުގެ ނުބައިކަން ބަޔާން ކުރައްވައި ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވެ އެވެ؛ (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ -ސޫރަތު ޣާފިރު 60) މާނައީ؛ އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަހީ ކުރެއްވި އެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުއާ ކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދުއާ އިޖާބަ ކުރައްވާ ހުށީމެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއަށް (ދުއާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަން ހުރެ ނިކަމެތިވެގެންވާ ހާލު، އެ އުރެން ނަރަކަޔަށް ވަންނާނެތެވެ.
ﷲ ސުބްހާނަހޫ ވަތައާލާ އަށް ދުއާ ދެންނެވުމަކީ، އިންސާނުންނަށް ބޭނުންޖެހިފައިވާ ކަންކަން ފުއްދަވައިދެއްވާނެ އަޅުކަމެކެވެ. ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ސީރަތުން މިކަން ފެންނަން އޮތް އިރު، ކީރިތި ޤުރްއާނުގައި ވެސް އެކަން ބަޔާން ކުރައްވާފައިވެ އެވެ. ސަލާމްލެއްވި އިބްރާހީމްގެފާނު ކުރެއްވި ދުއާފުޅު އިޖާބަކުރެއްވި ގޮތް ބަޔާން ކުރައްވައި މާތް ﷲ ވަހީކުރެއްވި އެވެ؛ (فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ اللَّهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَكُلًّا جَعَلْنَا نَبِيًّا -ސޫރަތު މަރްޔަމް 49) މާނައީ؛ ފަހެ، އެކަލޭގެފާނު، އެ އުރެންނާއި، ﷲ ފިޔަވައި އެ އުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެވަޑައިގަތް ހިނދު، ތިމަން ރަސްކަލާނގެ އެކަލޭގެފާނަށް، އިސްހާގުގެފާނައި ޔައުގޫބުގެފާނު ދެއްވީމެވެ. އަދި އެ އިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ.
ދުއާ އަކީ އޭގެ ޒާތުގައި ފުރިހަމަ އަޅުކަމެއް ކަމުގައި މާތް ﷲ ވަނީ ކަނޑައަޅުއްވައިފަ އެވެ؛ (... فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ... -ސޫރަތު ޣާފިރު 65) މާނައީ؛ ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ހާލިސް ކުރާ ހާލު، އެކަލާނގެއަށް ދުއާކޮށް އަޅުކަން ކުރާށެވެ!
އަޅާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަން ޖެހޭ ގުޅުމަށް ހީނަރުކަމެއް އަންނަ ކޮންމެ ފަހަރަކު، އެ ގުޅުން ބަދަހިކޮށްދޭ ވަސީލަތަކީ ދުއާ އެވެ. އަޅާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެގެންދަނީ، ﷲ ސުބްހާނަހޫ ވަތައާލާގެ މަތިވެރިވަންތަކަމާ މެދު ޣާފިލުވެވި، ތިމާގެ ކެރިކުޅަދާނަ ކަމާއި ގާބިލުކަން ހިތަށް ވެރިވެގެންދާ ހާލަތުގަ އެވެ. އެފަދަ ހާލަތެއް އިންސާނާގެ ހިތަށް ވެރިވެއްޖެ ނަމަ، ދުނިޔަވީ ލައްޒަތުތަކަށް އެ މީހެއްގެ ނަފްސު ލެނބި، ﷲ ހަނދުމަކުރުމާ ދުރުހެލިވެ އެވެ.
އެ ހާލަތުން އެނބުރި ރުޖޫއަވެ، އިންސާނާގެ ހަގީގީ މަގާމަށް އާދެވެނީ، ﷲ ހަނދުމަކޮށް އެކަލާނގެ ޙަޟްރަތަށް ކުއްތަންވެ، ތިމާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަމުގެ މައްޗަށް އިއުތިރާފްވުމުންނެވެ. ތިމާގެ ނަފްސުގައިވާ ފަގީރުކަމާއި މާތް ﷲގެ ރަހުމަތްފުޅުގެ ތަނަވަސްކަމަށް ހެކިވެ، އެކަލާނގެ ދީލަތިވަންތަކަމުން ދެއްވުން އެދި ދެންނެވުމުންނެވެ.
ﷲ ސުބްހާނަހޫ ވަތައާލާ ވަޙީކުރައްވާފައިވެ އެވެ؛ (ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ -ސޫރަތުލް އަޢުރާފް 55) މާނައީ؛ މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ދުއާ ކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.
މި އާޔަތުން އެނގެނީ، މަޑުމޮޅިކަމާއި ނިކަމެތިކަމާ އެކުގައި، މާތް ﷲގެ ޙަޟްރަތުގައި ދުއާ ދެންނެވުމަށް ލޯބި ނުކުރާ މީހަކީ، އަމިއްލަ ނަފްސުގެ މައްޗަށް ބޮޑާވުމުގައި ހައްދުފަހަނައެޅުން ކަމެވެ. އެ މީހެއްގެ ހިތުން ﷲ ސުބްހާނަހޫ ވަތައާލާ މައުރިފާކޮށް ދެނެގަނެވޭ މިންވަރު އިތުރުވި ވަރަކަށް، އެމީހަކު އެކަލާނގެއާ ކުއްތަންވާ މިންވަރު އިތުރުވެގެންދެ އެވެ. އަދި އެ މީހަކު އެކަލާނގެއަށް ދުއާ ދަންނަވާ މިންވަރު ވެސް އިތުރުވެގެންދެ އެވެ. މިކަމުގައި ވެސް އެންމެ މަތިވެރި ނަމޫނާއެއް ފެންނަން އޮތީ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ސީރަތުންނެވެ.
ﷲ ސުބްހާނަހޫ ވަތައާލާއަށް ދުއާ ދެންނެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވި ބަޔަކީ ނަބިއްޔުންނާއި ރަސޫލުންނެވެ. ދުވާލު ހަތަރު ދަމު، މާތް ﷲގެ ދީނަށް މީސްތަކުންނަށް ދައުވަތު ދެއްވުމުގައި އަވަދިނެތި އުޅުއްވުމަށް ފަހުގައި، ރޭގަނޑުގެ ގިނަ ވަގުތުތައް އެ ބޭކަލުން ހޭދަކުރެއްވީ، އެކަލާނގެ ޙަޟްރަތަށް ދުއާ ދެންނެވުމުގަ އެވެ. އެހެންކަމުން، އެބޭކަލުންނަށް ތައުރީފާއި މަދަހައިގެ ބަސް ވަހީ ކުރައްވައި އެ ބޭކަލުންގެ ދުއާ ސިފަކޮށްދެއްވި އެވެ؛ (... إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ -ސޫރަތުލް އަންބިޔާއު 90) މާނައީ؛ ހަމަކަށަވަރުން، އެބޭކަލުން ހެޔޮ ކަންތަކަށް އަވަސްވެ، އަދި ތިމަން ރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުއާ ކުރައްވާ ކަމުގައިވި އެވެ. އަދި ތިމަން ރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކު ކަމުގައި އެބޭކަލުންވޫ އެވެ.
މާތް ﷲ އެ ބައެއްގެ އިސްވެ ދިޔަހައި ފާފަތަކާއި އަންނަން އޮތްހައި ފާފަތަކެއް ފުއްސަވައިދެއްވާފައިވާ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނަކީ، މާތް ﷲ އަށް ގިނަގިނައިން ދުއާ ދަންނަވައި، ހިދާޔަތު ދެއްކެވުން އެދިވަޑައިގެން ތަކުރާރުކޮށް ދުއާ ދެންނެވި ބައެކެވެ. ވީއިރު، އަޅުގަނޑުމެން ފަދަ، ތާއަބަދު ފާފަތަކަށް އަރައިގަނެވޭ މީހުން، އެކަލާނގެ ޙަޟްރަތަށް އަބަދާއި އަބަދު ދުއާ ދެންނެވުން މާއައުލާކަން ބޮޑެވެ.
ވީއިރު، އަޅުގަނޑުމެންނަށް އޮތީ މި މަތިވެރި އަޅުކަން އަދާކުރުމަށް ހިތާއި ދޫ ހާނުވައި އެކަމަށް ފަރުވާތެރިވުމެވެ. ވަކިން ހާއްސަކޮށް މި މަތިވެރި މޫސުމުގެ އެންމެހައި ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ފުއްސެވުމާއި ދިންނެވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ތަކުރާރުކޮށް ދެންނެވުން އާދައަކަށް ހަދަންވީ އެވެ. ނިދިން ހޭލެވޭ ހިނދު ވެސް، ހިނގާފައި ދާއިރު ވެސް ނުވަތަ ސަވާރީއެއްގައި ދަތުރު ކުރިޔަސް، ނިދަން އޮށޯންނަ އިރު ވެސް، މާތް ﷲ އަށް ދުޢއާ ދެންނެވުމުގައި ތިމާގެ ހިތް މަސްއޫލު ކުރެވިދާނެ އެވެ.