އެމެރިކާގެ ކާގޯ ބޯޓުތަކަށް ވެސް ދެން ހަމަލާ ދޭނަން: ހޫތީން
އެމެރިކާގެ ކާގޯ ބޯޓުތަކަށް ވެސް ދެން ހަމަލާ ދޭނަން: ހޫތީން

އެމެރިކާއިން ޔަމަންގެ ހޫތީންނަށް އަމާޒުކޮށް ހަމަލާ ދީފައި ވާތީ، ރަތް ކަނޑުގައި ދެން އަމާޒުކުރާ ހަމަލާތަކުގައި އެމެރިކާގެ ކާގޯ ބޯޓުތައް ވެސް އަމާޒަކަށް ހަދާނެ ކަމުގެ އިންޒާރު ހޫތީން ދީފި އެވެ.

އެމެރިކާގެ ކާގޯ ބޯޓުތަކަށް ވެސް ދެން ހަމަލާ ދޭނަން: ހޫތީން
އެމެރިކާގެ ކާގޯ ބޯޓުތަކަށް ވެސް ދެން ހަމަލާ ދޭނަން: ހޫތީން

ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ހޫތީ ލީޑަރު އަބްދުލްމަލީކް އަލް ހޫތީ ވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި "މިލިއަނުން އެއްވެ" ނުކިޔަމަންތެރިކަމުގެ އެއްވުމެއް ހޯމަ ދުވަހު ބޭއްވުމަށް ވެސް ގޮވާލައްވައިފަ އެވެ. މިއީ ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ލިބުނު ފުރިހަމަ ނަސްރުގެ އުފާ ފާޅުކުރުމާ ވެސް ގުޅުވައިގެން ބާއްވާ އެއްވުމެއް ކަމަށް ހޫތީންގެ ލީޑަރު ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ޔަމަނަށް ދިން ފުރަތަމަ ހަމަލާގައި 31 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ހޫތީގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭން ފެށުމުން "އިޒްރޭލާ ގުޅުން ހުރި" އުޅަނދުތަކަށް ރަތް ކަނޑުގައި ހަމަލާދެމުން ދިޔަ ހޫތީން މިދިޔަ ޖެނުއަރީ މަހު ވަނީ ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމާ އެކު ކަނޑުމަތީގެ ހަމަލާތައް ވެސް ހުއްޓާލައިފަ އެވެ. އެކަމަކު އެއްބަސްވުމާ ހިލާފުވެ އިޒްރޭން ޣައްޒާގެ އާންމުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އަލުން ހަމަލާތައް ފަށާނެ ކަމަށް ކުރިން ވެސް އޮތީ އިންޒާރު ދީފަ އެވެ.

"އެމެރިކާއިން ހޫތީންނާ ދެކޮޅަށް އަނިޔާވެރިކަން ކުރިއަށް ގެންދާހާ ހިނދަކު ހޫތީންގެ އަމާޒުތަކުގެ ލިސްޓުގައި އެމެރިކާ ވެސް ހިމެނޭނެ،" އަބްދުލްމާލިކް ވިދާޅުވި އެވެ.

"އަހަރެމެން މިކަމާ ކުރިމަތިލާނީ އަހަރެމެންގެ ހަމަލާތައް ވެސް އިތުރުކުރުމާ އެކު. އެ މީހުންގެ މަތިންދާބޯޓު އުފުލާ އުޅަނދުތަކާއި މަނަވަރުތަކާއި ބޯޓުތަކަށް ހަމަލާތައް އަމާޒުކުރާނަން،" އޭނާ އިންޒާރު ދެއްވި އެވެ.

"އެމެރިކާގެ ހަމަލާތައް ކުރިއަށްދާ ނަމަ އަހަރެމެން އަދި އިތުރު ފިޔަވަޅުތައް ވެސް އަޅާނަން."

ރަތް ކަނޑަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ މަގަށް ވާއިރު ހޫތީންގެ ހަމަލާތަކާ އެކު ވަނީ އެ ސަރަހައްދުގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.