16 މާޗް 2025 - 23:54

ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން އެމްޑީޕީގެ އިސް އެކްޓިސްޓު މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައަށް ތާއީދުކުރި ކަމަށް ބުނެ، އަހުމަދު ސަލީމް (މާޒް ސަލީމް) ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ސަލީމް މިރޭ އަށް ވިދާޅުވީ މާދަމާ ރޭ 8:30 ގައި ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި ފުލުސް އޮފީހުން އޭނާއަށް މިއަދު ޗިޓެއް ފޮނުވާފައިވާ ކަމަށެވެ.
އެ ޗިޓުގައި ބުނެފައި ވަނީ މާޒް ސަލީމް ހާރިޒުކުރަނީ، ޗިލްޑްރަންސް އޮމްބަޑަސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އާންމު ފަރާތްތަކުން ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ވާހަކަ އަށް ތާއީދުކޮށް، އެ ވާހަކަ ދެއްކުމަށް ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލުކޮށް ބަޔާން ނަގަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރި ވެސް ކޮށްފަ އެވެ.
އެމްޑީޕީގެ އެއްވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަދެއްކި މައްސަލާގައި އެ ޕާޓީގެ އެކްޓިވިސްޓު މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.