16 މާޗް 2025 - 17:08

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އެ އިދާރާގެ ކުރީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. ހިކުމާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ހިކުމާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާކުރައްވައިފަ އެވެ. ރައީސްގެ ކުރިފުޅުމަތީގައި، ހިކުމާ އަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އަދި، މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ހިކުމާއަށް ހަވާލުކުރައްވައިފަ އެވެ.
ހިކުމާ މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވައިފަ އެވެ.
ހިކުމާ ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން ހާސިލްކުރައްވައިފަ އެވެ.