16 މާޗް 2025 - 12:14

ހޫނު މޫސުމުގައި ރާއްޖެއަށް އިހުސާސްކުރެވޭ ހޫނުމިން މި އަހަރު ވެސް ވަރަށް ބޮޑަށް މައްޗަށް ދާން ފަށައިފި އެވެ.

މެޓް އޮފީހުން މިއަދު އާންމުކޮށްފައިވާ ރެކޯޑްތަކުން ދައްކާ ގޮތުގައި، ހެނދުނު 11:00 ގައި މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.2 ޑިގްރީ ސެލްސިއަސްގަ އެވެ. ރާއްޖޭގެ އެހެން ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.
އިހުސާސްކުރެވޭ ހޫނުމިން މިގޮތަށް މައްޗަށް ދާން ފެށިތާ މިހާރު ހަފުތާއެއްހާ ދުވަސް ވަނީ އެވެ.
އާންމު ފިނިހޫނުމިން މިއަދު ހުރީ ހުރިހާ ހިސާބަކަށް ވެސް 30 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.
އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.
އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދަށް ހޫނުކަން އިހުސާސް ކުރެވޭ ވަރު ރެކޯޑް އަދަދަކަށް މައްޗަށް ވެސް ދިޔަ އެވެ. އެއީ 48 ޑިގްރީ ސެލްސިއަސް އަށެވެ. އެފަހަރު ހޫނު މޫސުމުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަނީ އާދަޔާ ހިލާފަށް ހޫނުކަން އިހުސާސްކުރެވިފަ އެވެ.
އާދަޔާ ހިލާފަށް ހޫނުވެ، ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ މި އަހަރު ވެސް ވަރަށް ބޮޑުވާނެ ކަމަށް، ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް" އިން ވަނީ ލަފާކޮށްފަ އެވެ.