16 މާޗް 2025 - 12:42

އިސްލާމިކް ޑިވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް ލިބުނު 65 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ގެ އެހީގައި މަޝްރޫއުއެއް ހިންގުމަށް މިފްކޯއިން އިއުލާނުކޮށްފި އެވެ.
މިފްކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ފަންޑުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރު ކުރަން މުހިއްމު މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިދުމަތްތައް ރަނގަޅު ކުރުމަށާއި ބައެއް ތަކެތި ގަތުމުގެ އިތުރުން ކޮންސަލްޓިން ހިދުމަތް ވެސް ހިމެނެ އެވެ. އެ މަޝްރޫއުގައި ހަތް ކޮމްޕޯނަންޓެއް ވަނީ ހިމެނިފަ އެވެ.
އެ ފައިނޭންސިންގެ ދަށުން ކުރަން ރާވާފައިވާ ކަންކަން
1. ކޯލްޑް ސްޓޯރޭޖު އިތުރު ކުރުން: ހއ. އިހަވަންދޫގައި 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ އިތުރުން 50 މެޓްރިކް ޓަނުގެ ބްރައިން ސްޓޯރޭޖެއް، އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ސްޓޯރޭޖެއް.
2. ކަނޑުއޮށްގިރީގައި 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓަކާއި ޕަވަ ޖެނެރޭޝަން އަޕްގްރޭޑު ކުރުން، ފެލިވަރުގައި 250 ޔުނިޓުގެ ސްޓާފު އެކޮމޮޑޭޝަނާއި ކޫއްޑޫގައި 100 ޔުނިޓުގެ ސްޓާފް އެކޮމޮޑޭޝަން.
3. މިފްކޯގެ ސްޓާފުންނާއި ސްޓޭކްހޯލްޑަރުންނަށް ޓްރެއިނިން ޕްރޮގްރާމު ހިންގުން
4. ޕްރޮޖެކްޓާއި ޕްރޮކިއުމެންޓާއި ފައިނޭންޝަލް މެނޭޖްމެންޓުގައި އެހީތެރިކަން ފޯރުކޮށްދިނުން
5. ކޮންޓިންޖެންސީ އެމަޖެންސީ ރެސްޕޮންސް
6. ފައިނޭންޝަލް އޮޑިޓް ހެދުން
7. އަގުތައް އުފުލުމާއި ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން
މިފްކޯއިން ކުރި އިއުލާނުގައި ބުނެފައިވަނީ މިއީ އިސްލާމިކް ޑިވަލޮޕްމެންޓް ފަންޑާ އެކު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ. އެ ފަންޑުގެ ދަށުން ކުރިއަށް ގެންދާ ރާވާފައިވާ މަޝްރޫއުތަކަށް ވޭތުވެދިޔަ ދުވަސްތަކުގައި އެކި ބަދަލުތައް ގެނެސްފައިވެ އެވެ.