14 މާޗް 2017 - 11:31

އޭއެފްސީ ކަޕުގައި މިއަދު ހަވީރު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ މާޒިޔާގައި އޭނާ އިރުޝާދުދިން ކުޅުންތެރިންތަކެއް ތިބުން ކަމަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑުގެ ކޯޗު ކްރޮއޭޝިއާގެ ޑްރާގޯ މަމިޗް ބުނެފި އެވެ.
މަމިޗްގެ އިރުޝާދުގެ ދަށުން 2014 ވަަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މާޒިޔާގައި އެބަތިއްބެވެ. މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަކީ މަމިޗްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކުޅެން ފެށި ކުޅުންތެރިޔެކެވެ.
"އަހަރެންގެ ކޯޗުކަމުގައި ކުޅުނު ކުޅުންތެރިން މާޒިޔާގައި ވަރަށް ގިނަ. އެއީ އަހަންނަށް އޮތް އެޑްވާންޓޭޖެއް. ހަމަ އެގޮތަށް އެ ކުޅުންތެރިންނަށް އަހަރެން ވެސް އެނގޭނެ،" މަމިޗް ބުންޏެވެ.
މަމިޗް އަބަހާނީ ޓީމާ ހަވާލުވީ ދާދިފަހުން ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެ މުބާރާތުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން އަބަހާނީ ބަލިވީ 1-0 އިންނެވެ.
އެ މުބާރާތަށް ފަހު އަބަހާނީން ވަނީ އެ ގައުމުގެ ހަތަރު ކުޅުންތެރިންނާއި ބިދޭސީ އެއް ކުޅުންތެރިއަކު ޓީމަށް ގެނެސްފަ އެވެ. މަމިޗް ބުނީ އެ މުބާރާތުގައި ކުޅުނު ޓީމާ މިހާރު މުޅިން ތަފާތު ކަމަށެވެ.
"ހަގީގަތުގައި ޓީސީ މެޗުގައި ވެސް އަހަރެމެން ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރި. އެކަމަކު ލަނޑެއް ނުޖެހުނީ. މިހާރު އިތުރު ކުޅުންތެރިންނާ އެކު ޓީމު އޮތީ ވަރުގަދަކޮށް. ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު،" މަމިޗް ބުންޏެވެ.
ޑާކާ އަބަހާނީ އަކީ މިދިޔަ އަހަރު ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އޭއެފްސީ ކަޕްގެ ފޯމެޓަށް ގެނައި ބަދަލާ އެކު މި ގްރޫޕްގައި ހިމެނެނީ މި ސަހަރައްދުގެ ގައުމުތަކަށް ނިސްބަތްވާ ކްލަބްތަކެވެ. މަމިޗް ބުނީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާ ނެރުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.
"އޭއެފްސީ މުބާރާތްތަކަކީ އޭޝިއާގައި ވަރަށް މަތީ ފަންތީގެ މުބާރާތްތަކެއް. މީގެ ނަތީޖާ ރަނގަޅުވެއްޖެނަމަ މިއީ ބަންގްލަދޭޝްގެ ފުޓްބޯޅައަށް ވެސް ލިބޭ ކުރިއެރުމެއް،" މަމިޗް ބުންޏެވެ.
އޭނާ ބުނީ އަބަހާނީ ޓީމުގައި ވެސް ބަންގްލަދޭޝްގެ ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި 23 އަހަރުން ދަށުގެ ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިންގެ ބޭނުން މި މެޗުގައި ހިފޭނެ ކަމަށެވެ.
ޑާކާގައި އަބަހާނީ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 17:10 ގަ އެވެ.