16 މާޗް 2025 - 10:10

މި ބިންމަތީގައި އިންސާނުން ތަބާވެގެން އުޅޭ ދީންތަކުގެ ތެރެއިން ވެސް، އިންސާނުންނާއި އެބައިމީހުންގެ ކަލާނގެއާ ދެމެދު ގުޅުމެއް އޮންނަ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އަޅާ އާއި ކަލާނގެއާ ދެމެދު ސީދާ މުޢާމަލާތު ކުރެވޭ އެހެން ދީނެއް ވެސް އިސްލާމް ދިން ފިޔަވައި ނެތެވެ. ސަބަބަކީ، އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކީ ހަގީގީ އިލާހަކަށް ނިސްބަތްވާ ދީނަކަށް ނުވުމެވެ. ހަމައެފަދައިން ﷲ ސުބުހާނަހޫ ވަތައާލާ ފިޔަވައި ހަގީގީ އިލާހެއް ނުވެސް ނެތެވެ.
އެންމެހައި އިންސާނުންނަކީ، ﷲ ސުބްހާނަހޫ ވަތައާލާ ހަލްގު ކުރެއްވި އެކަލާނގެ މަހުލޫގުން ކަމުގައިވާ އިރު، އިންސާނުން އަޅުކަންކުރަންޖެހޭ އިލާހަކަށް ވާނީ އެކަލާނގެ އެވެ. އެކަލާނގެ އަށް އަޅުވެތިވެ އަޅުކަން ހާލިސް ކުރާނެ ގޮތް، ބަޔާން ކޮށްދެއްވާފައިވަނީ އިސްލާމް ދީނުގަ އެވެ. ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކުރެއްވި އެވެ؛ (إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ... -އާލްޢިމްރާން 19) މާނައީ؛ ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމް ދީނެވެ.
ހަގީގަތަކީ މިއީ ކަމަށްވާ ނަމަ އިސްލާމް ދީން ނޫން އެހެން ނަމެއްގައި ދީނެއް އުފައްދައިގެން އެ ދީނަށް ތަބާވެގެން އުޅުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މާތް ﷲ ވަހީކުރެއްވީ؛ (وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ އާލްޢިމްރާން 85) މާނައީ؛ ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ގަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާހިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
ދީނަކީ، އިންސާނުންނާއި އެބައިމީހުންގެ ވެރި ރަސްކަލާނގެއާ ދެމެދު ގުޅުވައިދޭ ވަސީލަތް ކަމަށް ވާއިރު، އެ ގުޅުން ދަމަހައްޓާނެ ގޮތްތައް ދީނުގައި ބަޔާން ވެގެންވެ އެވެ. އަދި އެ ގުޅުން ހީނަރުވެގެންދާ ހިނދު، އަލުން އެ ގުޅުން ބަދަހި ކުރާނެ ގޮތް ވެސް ދީނުގައި ބަޔާން ކުރައްވާފައިވެ އެވެ. އެ ގުޅުން ދަމަހައްޓައި ހަރުދަނާ ކުރުމަށް، ﷲ ސުބްހާނަހޫ ވަތައާލާ ލައްވަވާފައިވާ ވަސީލަތަކީ ދުއާ ކުރުމެވެ.
އައްނުޢުމާން ބްނު ބަޝީރު ރިވާކުރެއްވި އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ (الدُّعَاءَ هُوَ الْعِبَادَةُ) ދުއާ ކުރުމަކީ އަޅުކަމެކެވެ. މިފަދައިން ހަދީސް ކުރައްވައި މި އާޔަތް ކިޔަވައި ވިދާޅުވި އެވެ؛ (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ -ސޫރަތު ޣާފިރު 60) މާނައީ؛ އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަހީ ކުރެއްވި އެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަށް ދުއާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުއާ އިޖާބަކުރައްވާ ހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުއާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަން ހުރެ ނިކަމެތިވެގެންވާ ހާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.
ދުއާ ކުރުމަކީ އަޅުކަންތަކުގެ ތެރެއިން ވެސް އެންމެ މަތިވެރި އެންމެ މާތް އެއް އަޅުކަމެވެ. އެއީ ﷲ ސުބްހާނަހޫ ވަތައާލާގެ ހައްގެކެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަދާކުރުން ހުއްދަ ނޫން ހައްގެކެވެ. އެ ހައްގުގައި ހިމެނެނީ، ހާލިގުވަންތަ ﷲގެ މަތިވެރިވަންތަކަމާއި ހައިބަވަންތަކަމަށް ހަމްދާއި ސާނާ ދެންނެވުމާ އެކު، އިންސާނާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަމުގެ މައްޗަށް އިއުތިރާފުވުމެވެ. އެކަލާނގެ ނިއުމަތްތަކުގެ ގިނަކަމާއި ނިމުމެއް ނެތްކަމަށް ތައުރީފު ކުރުމާއި އެ ކަލާނގެ ނިއުމަތްތަކަށް އިންސާނާ ބޭނުންޖެހިފައިވާ ކަމަށް އިއުތިރާފު ވުމެވެ.
ދުއާއަކީ، ހުރިހާ ކަމެއް ފުއްދަވައި ދެއްވާ ހާލިގުވަންތަ އިލާހުގެ ޙަޟްރަތުން މެނުވީ އެއް ކަމެއް ވެސް އިންސާނާ އަށް ހާސިލު ނުވާނެ ކަމަށް އިއުތިރާފުވުމެވެ. އަދި، އެކަލާނގެ ޙަޟްރަތުގައި އިންސާނާ ނިކަމެތިވެ، ދީލަތިވަންތަކަމުން ދެއްވުން އެދި އާދޭސް ދެންނެވުމެވެ. ނަމަވެސް، އެ ދެންނެވުންތައް އަޅުކަމަކަށް ވަނީ، ދުލުން ދެންނެވުމުގެ އިތުރުން، އޭނާގެ ހިތުން ދަންނަވާ ދެންނެވުމަކަށް ވެގެންނެވެ. ދުއާ، އަޅުކަމަކަށް ވަނީ، އިންސާނާގެ ހިތް މާތް ﷲގެ ޙަޟްރަތަށް ކުއްތަންވެ އާދޭސް ދެންނެވުމުންނެވެ.
އެހެންކަމުން، އިންސާނާ އޭނާގެ ވެރި ރަސްކަލާނގެއާ އެންމެ ބޮޑަށް ކުއްތަންވެގެންދާ ވަގުތަކީ، ހިތުގެ ހާލިސްކަމާއެކު ލޮލުން ކަރުނަ އޮހޮރޭ ހާލުގައި އެކަލާނގެ އަށް ދުއާ ދަންނަވާ ވަގުތެވެ. ނަމަވެސް، މާތް ﷲގެ ޙަޟްރަތުގައި ދުއާ ދަންނަވަން ވާނީ، އެކަމަކަށް އެ ކަލާނގެ ލައްވަވާފައިވާ ސަބަބުތަކުގައި ހިފައި ފުރިހަމަ ގޮތުގައި އެކަލާނގެ އަށް ވަކީލުކުރުމަށް ފަހުގަ އެވެ. ދުއާ ދަންނަވަން ވާނީ، އެކަލާނގެ ދުއާ އިޖާބަ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކާއި އިތުބާރު، އަޅާގެ ހިތުގައި ބާއްވައިގެންނެވެ.
ދުއާ ކުރުމަށް ހާއްސަ ވަގުތުތަކާއި ހާއްސަ ދުވަސްތަކާއި ހާއްސަ މައްސަރުތައް ވެސް، އިސްލާމީ ޝަރުޢުގައި ކަނޑައެޅިފައިވެ އެވެ. އެ ގޮތުން ރަމަޟާން މަހަކީ ދުއާއާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަރެކެވެ. ރަމަޟާން މަހު ރޯދަ އަށް ހުންނަ މީހާ، އޭނާގެ ރޯދައިގައި އިހުލާސްތެރިވެ، އެހެން އަޅުކަންތަކަށް ފަރުވާތެރިވެ، ﷲ ސުބުހާނަހު ވަތައާލާގެ ޙަޟްރަތަށް ދުއާ ދަންނަވައިފި މީހެއްގެ ދުއާ އިޖާބަ ނުކުރައްވައި އެކަލާނގެ ރައްދު ނުކުރައްވާނެ އެވެ.
ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ ثَلَاثُ دَعَوَاتٍ لا تُرَدُّ: دَعْوَةُ الوالِدِ لِولدِهِ ، ودَعْوَةُ الصَّائِمُ، وَدَعْوَةُ الْمُسَافِرِ މާނައީ؛ މާތް ﷲ އިޖާބަ ނުކުރައްވައި އަނބުރާ ރައްދު ނުކުރައްވާ ތިން ދުއާއެއްވެ އެވެ. އެއީ، ބައްޕަ އޭނާގެ ދަރިއަށްޓަކައި ކުރާ ދުއާ އާއި ރޯދަވެރިޔާގެ ދުއާ އާއި ދަތުރުވެރިޔާގެ ދުއާ އެވެ.
އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މި އަންނަ ބަރަކާތްތެރި ރަމަޟާން މަހަކީ، ދުއާ އިޖާބަ ކުރެއްވުމުގެ މި ތިން ފުރުސަތު ވެސް އަޅުގަނޑުމެންނަށް ފަހިވެފައިވާ މޫސުމެކެވެ. ރޯދަ އަށް ތިބޭއިރު، އަޅުގަނޑުމެންގެ އަނބި ދަރިންނަށާއި މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ދުއާ ކުރުން އިތުރުކުރަންވީ އެވެ. އަދި ރޯދައަށް ތިބެ ދަތުރެއް ކުރާ ހިނދު، ދަތުރުމަތީގައި ވެސް އަޅުގަނޑުމެން އެކަލާނގެ އަށް ދުއާ ދަންނަވަންވީ އެވެ.
އިސްލާމީ އުންމަތަށް ރޯދަ ފަރުޟު ކުރެއްވިކަން ބަޔާންކުރައްވައި، މާތް ﷲ ބާވައިލެއްވި އާޔަތްތަކުގެ މެދުތެރެއިން، ދުއާގެ ވާހަކަ ބަޔާންކުރައްވައި ވަކި އާޔަތެއް ބާވައިލައްވާފައިވުމުން ވެސް، ރޯދަޔަށް ހުރެ ދުއާ ކުރުމުގެ މުހިންމުކަން ހާމަވެ އެވެ. ﷲ ސުބްހާނަހޫ ވަތައާލާ ވަހީ ކުރެއްވި އެވެ؛ (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ -ސޫރަތުލް ބަޤަރާ 186) މާނައީ؛ އަދި ތިމަން ރަސްކަލާނގެއާ މެދު ތިމަން ރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފި ނަމަ (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތަށް ދުއާ ކޮށްފި ނަމަ ދުއާ ކުރި މީހާގެ ދުއާ ތިމަން ރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަން ރަސްކަލާނގެ އަޅުން) ތިމަން ރަސްކަލާނގެއަށް އިޖާބަ ދޭހުށި ކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާން ވާހުށި ކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
އިސްވެ ދެންނެވި އާޔަތުގެ ކުރިން އޮތީ، ރަމަޟާން މަހަކީ، އެ މަހެއްގައި ޤުރްއާން ބާވައިލެއްވި މަސް (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ... -ސޫރަތުލް ބަޤަރާ 186) ކަމާއި ރަމަޟާން މަހާ ބައްދަލުވެއްޖެ މީހާ، އެ މަހުގައި ރޯދަ ހިފަންޖެހޭނެ ކަމެވެ. އަދި އިސްވެ ދެންނެވި، ދުއާގެ އާޔަތަށް ފަހުގައި އޮތީ، ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުގައި އަނބިފިރިކަމުގެ ގުޅުން ހުއްދަ ކުރެއްވި ކަމާއި، (أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ... -ސޫރަތުލް ބަޤަރާ 187) އިރު އޮއްސުމަށް ފަހުގައި ފަޖުރުގެ އަލިކަން ފައުޅުވެއްޖައުމާ ހަމައަށް ކައިބޮއެ އުޅުން ހުއްދަ ކުރެއްވި ވާހަކަ އެވެ.
މި އާޔަތްތައް ތަރުތީބު ކުރައްވާފައި ހުރި ގޮތަށް ވިސްނަވާށެވެ. ރަމަޟާން މަހުގައި ރޯދަ ހިފުން އިސްލާމީ އުންމަތުގެ މައްޗަށް ފަރުޟު ކުރެއްވި ކަން ބަޔާން ކުރެއްވި އާޔަތާއި ރަމަޟާން މަހާ ބައްދަލުވި މީހާ ރޯދަ ހިފުމަށް އެންގެވި އާޔަތަށް ފަހުގައި، ދެން އެ އޮތީ ދުއާ ކުރާ މީހާގެ ދުއާ އެކަލާނގެ އިޖާބަ ކުރައްވާނެކަން އެންގެވި އާޔަތެވެ. އަދި އެ އަށް ފަހުގައި ދެން އޮތީ ރޯދަ މަހުގެ ދުވާލުގައި ކުރުން މަނާ ކަންތައް، ރޭގަނޑުގެ ވަގުތުގައި ކުރުން ހުއްދަކުރެއްވިކަން ބަޔާން ކުރެއްވި އާޔަތެވެ.
މި ތަރުތީބުން ސާފުކޮށް އެނގެނީ، ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ރޯދަ އަށް ހުރެ މާތް ﷲގެ ޙަޟްރަތަށް ދުއާ ދެންނެވުމުގެ މުހިންމު ކަމެވެ. ރޯދައިގެ ވަރުބަލިކަމާއި ކަރު ހިއްކުމާއި ބަނޑުހައި ކަމުގައި ހުރެ، އެކަލާނގެ ޙަޟްރަތުގައި ދުއާ ދެންނެވުމުގެ މުހިންމު ކަމެވެ. އެހެނީ، ރޯދައިގެ ސަބަބުން، ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ، ހާލިގުވަންތަ އިލާހުގެ ޙަޟްރަތަށް އޭނާ ކުއްތަން ކޮށްދޭނެ ސަބަބެކެވެ. (ނުނިމޭ)