16 މާޗް 2025 - 05:15

ވޮއިސް އޮފް އެމެރިކާ ހިމެނޭހެން، އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ މީޑިއާތަކުގެ ނޫސްވެރިން ޗުއްޓީއަށް ފޮނުވާލައި ކުއްލި ގޮތަކަށް އެ ތަންތަން ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.
ރަޝިޔާ އާއި ޗައިނާއިން ފަތުރާ މައުލޫމާތާ ދެކޮޅަށް ވަރުގަދައަށް މަސައްކަތްކުރާ ވޮއިސް އޮފް އެމެރިކާ، ރޭޑިއޯ ފްރީ އޭޝިއާ، ރޭޑިއޯ ފްރީ ޔޫރަޕް އަދި އެހެން ބައެއް މީޑިއާ އައުޓްލެޓްތަކުގެ އެތައް ސަތޭކަ ނޫސްވެރިންނަކަށް ވަނީ އޮފީސް ނުކުތުން މަނާކޮށް އަދި އެ މީހުންގެ މީޑިއާ ފާސްތައް ހަވާލުކުރުމަށް އަންގައި އީމެއިލް ފޮނުވައިފަ އެވެ.
އެމެރިކާގެ ބޭރު އެހީގެ އެޖެންސީ އާއި އެޑިއުކޭޝަން ޑިޕާޓްމަންޓް ވެސް ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް ގެނެސްފައިވާ ޓްރަމްޕް ހުކުރު ދުވަހު ނެރުއްވި އެގްޒެކެޓިވް އަމުރެއްގައި ވަނީ އެމެރިކާގެ އެޖެންސީ ފޯ ގްލޯބަލް މީޑިއާ އަކީ "ރައީސް ކަނޑައަޅުއްވާފައިވާ ފެޑެރަލް ބިއުރޯކްރަސީގެ ތެރޭގައި ހިމެނޭ ބައެއް" ކަމަށް ކަނޑައަޅުއްވައިފަ އެވެ. މިއީ ސަރުކާރުން ބޭކާރު ހަރަދު ހިނގާ އިދާރާތަކުގެ ގޮތުގައި ޓްރަމްޕް ވަނީ ކަނޑައަޅުއްވައިފަ އެވެ.
އެމެރިކާގެ ސެނެޓަށް ވާދަކޮށް ނާކާމިޔާބުވުމުން މީޑިއާ އެޖެންސީ ހިންގުމާ ހަވާލުކޮށްފައިވާ ޓްރަމްޕްގެ ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ އެރިޒޯނާގެ ކުރީގެ ނިއުސް އެންކަރު ކަރީ ލޭކް އައުޓްލެޓްތަކަށް ފޮނުއްވި އީމެއިލްގައި ވިދާޅުވީ ފެޑެރަލް ގްރާންޓްގައި ދެން މި އެޖެންސީތަކަށް އިސްކަން ނުދޭނެ ކަމަށެވެ.
ވައިޓް ހައުސްގެ ޕްރެސް އޮފިޝަލް ހެރިސަން ފީލްޑްސް ވަނީ އެކްސްގައި 20 ބަހަކުން "އަލްވަދާއު" ލިޔުއްވައި، ވަރަށް ނުރަސްމީ ގޮތަކަށް މި ނިންމުން ހާމަކުރައްވައިފަ އެވެ. އޭނާ 20 ބަހަކުން އެ ލަފްޒު ލިޔުއްވާފައި ވަނީ އެ މީޑިއާ އައުޓްލެޓްތަކުން ޚަބަރުތައް ގެނެސްދޭ ބަސްތަކުގެ އަދަދަށް ނިސްބަތްކޮށް މަލާމާތުގެ ގޮތުގައި ކަމަށް ވަނީ ސިފަވެފަ އެވެ.
ވޮއިސް އޮފް އެމެރިކާގެ ޑިރެކްޓަރު މައިކަލް އަބްރަމޮވިޓްޒް ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން އެތަނުގެ 1،300 މުވައްޒަފުން ގެޔަށް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރޭގައި އޭނާ ވެސް ހިމެނޭ ކަމަށެވެ.
"ވޮއިސް އޮފް އެމެރިކާ އަށް ވިސްނުންތެރިކަމާ އެކު އިސްލާހުތައް ގެންނަން ޖެހޭ. އެކަމަށް ކުރިއެރުންތަކެއް ލިބިފައި ވޭ. އެކަމަކު މިއަދުގެ މި ފިޔަވަޅުގެ ސަބަބުން ވޮއިސް އޮފް އެމެރިކާގެ މުހިންމު މަސައްކަތް ދެން ކުރިއަކަށް ނުގެންދެވޭނެ،" ފޭސްބުކްގައި އޭނާ ވިދާޅުވި އެވެ.
އެޑްވޮކަސީ ގްރޫޕް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މި ނިންމުން ކުށްވެރިކޮށް ބުނެފައިވަނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވި ނުރައްކަލެއް ކަމަށާއި، މިނިވަންކަމާ އެކު މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވުމުގައި އެމެރިކާއިން 80 އަހަރުގެ ވަންދެން ކުރި މަސައްކަތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ.