16 މާޗް 2025 - 00:10

މާލޭގައި އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ ދެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުން ފޮނުވި ޗިޓުގައި ބުނީ މަރިޔަމް ޒުބެއިރު (މަންދީ) އަދި ފާތިމަތު ޝިއުނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާއްމުދަތުރުފަތުރު ކުރުމަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
އެ މައްސަލައިގައި ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންނަށް މަންދީ ހާޒިރުވާން އެންގީ މާދަމާ މެންދުރު 1:30 އަށެވެ. އަދި ޝިއުނާ ފުލުހަށް ހާޒިރުކުރަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 1:30 އަށެވެ.
އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ.
އެ މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.