ދިގު ވާހަކަ: ޑައިރީއަށް ފަހު -11
ދިގު ވާހަކަ: ޑައިރީއަށް ފަހު -11

11 ވަނަ ބައި

އޭނާ މިހާރު ގުރޭޝާއާއި މެދު އެއްގޮތަކަށްވެސް ނުވިސްނަން ކަމަށާއި އޭނާއާއި ޝިއުނާއާއި ދެމީހުން މިއުޅެނީ ވަރަށް ލޯބިން ވަރަށް އުފަލުގައިކަމަށް ބުނެލިއެވެ.

އެހެންނަމަވެސް ޒިލާލު ގެއަށް އައީ ވަރަށް ހިތް ނުތަނަވަސްވެފައި ހުރެގެންނެވެ. ކޮޓަރިއަށް ވަންއިރު ޝިއުނާ ނުނިދާ ހޭލާ އޮތްތަން ފެނުނީމާ އިތުރަށް އުނދަގޫވިއެވެ. އޭނާ އެނދުގައި އޮށޯވެ ރަނގަޅަށް ހަށިގަނޑު ދަމާލުމުން ޝިއުނާ އޭނާގެ ގައިގަ ބައްދާލާފައި މިހާލަހުން ޝާޑުއެއައީ ކީއްކުރަންތޯ ސުވާލުކުރިއެވެ.

"އެއީ ވަޒީފާއެއްގެ ވާހަކަ ދައްކަން.... ހިނގާ ނިދަމާ.. ހައެއް ޖަހާއިރަށް އެއަރޕޯޓަށް ދާން ޖެހޭނެއެއްނު؟" ޒިލާލު ދެލޯމަރާލިއެވެ. އޭރު ޒިލާލުގެ ސިކުނޑި ވަނީ އޭނާގެ އަންހެނުންނާއި އެއްވެސް މުއާމަލާތެއް ކުރާހިތްވާ ކަހަލަ ހާލަތެއްގައެއްނޫނެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޝާޑު ދެއްކި ވާހަކަ އާއި މެދުގައެވެ.

ގުރޭޝާ އާއި ޝާޑު! އެއީ ކޮންއިރަކު ކިހިނެތްވީ ކަމެއްބާވައެވެ؟ އޭނާ ކައިވެނީ ކުރީތީ އެކަމާ ދެރަވެގެން އުޅުނު ވާހަކަ ގައިމުވެސް ރަށުތެރޭގައި އަދިވެސް ދެކެވެއެވެ. މިހާރު ގުރޭޝާ އޭނާ މަތިން މުޅިން ހަނދާން ނައްތާލީ ހެއްޔެވެ؟

ޒިލާލުގެ ވާހަކަ ހުރިގޮތުން އޭނާ އޮތީ ވާހަކަދައްކާ ކަހަލަ މޫޑެއްގައި ނޫންކަން ޝިއުނާއަށް ވިސްނުނެވެ. އެހެންކަމުން އޭނާވެސް އަނެއްފަރާތަށް އެނބުރުނީއެވެ. ޝާޑު ޒިލާލު ކައިރީ ގުރޭޝާގެ ވާހަކަ ދެއްކިބާވައެވެ؟ ޝިއުނާވެސް ދެލޯ މަރައިގެން އޮވެ ވިސްނަމުން ގެންދިޔައެވެ.

މާލެދާ ފުލައިޓު ލަސްވެފައިވާކަން އެނގުނީ ފަތިހު ހޭލިފަހުންނެވެ.އެހެންވީމާ ސައިބޮއެގެން ހަމަޖެހިލައިގެން ދާން އެމީހުން ނިންމިއެވެ. ސައިބޮނިމިގެން ޝިއުނާ ބޭނުންވީ އެރަށު ފިހާރައިގައި ހުންނަ މީރު ކިއްލި ގަންނާށެވެ.

އެނާއާއި ޒުހުދާ އާއި ދެމީހުން ފިހާރައަށް ދިޔައިރު ފިހާރަތެރޭގައި ގުރޭޝާ ހުއްޓެވެ. އޭނާ ފެނުމުން ހީލާނީކަމެއް ނުވަތަ ނޫންކަމެއް ޝިއުނާއަކަށް ނޭނގުނެވެ. އެވަގުތު ގުރޭޝާ އިސްވެ ޝިއުނާއަށް ގޮވާލާފައި ހާލު ކިހިނެތްތޯ އަހާލިއެވެ. ޝިއުނާ ހަމަ ވަރަށް ރަނގަޅޭ ބުނެ ޖަވާބު ދިނެވެ.

އެވަގުތު ޒިލާލު ގުޅާފައި ފެރީ އެބައާދެއޭ ބުނުމުން އެދެމީހުން އަވަހަށް ފިހާރައިން ނުކުމެގެން އައީއެވެ.

ފުލައިޓަށް އަރާ ހަމަޖެހިލާފައި ހަނީމޫން ދަތުރު އޯކޭތޯ ޒިލާލު އަހާލިއެވެ.

"ޔެސް! ވަރަށް ސަޅި ދަތުރެއްމީ.. ވާނެ ދޭތެރެއަކުން ބުރޭކެއް ނަގާފައި މިގޮތަށް އަންނަން ދޯ؟" ޒިލާލު ހިނިތުންވެލިއެވެ. ޝިއުނާ އުފާކޮށްދެވުނީތީ ވަރަށް ހިތްހަމަޖެހިއްޖެ ކަމުގައި ބުނަމުންނެވެ.

ޝިއުނާ އެކިވާހަކަ ދައްކަމުން ގޮސް ފިހާރަ ތެރެއިން ގުރޭޝާއާއި ދިމާވި ވާހަކަވެސް ބުނެލިއެވެ. އެވާހަކައަށް ޒިލާލު މާބޮޑު ސަމާލުކަމެއް ނުދިނެވެ. ފެށީ މާލެ ގޮއްސައި ފިހާރައަށް ވަޒީފާއަށް ދާ ވާހަކައެވެ. އެކަމާ އޭނާ ކުޑަކޮށް ހިތް އަވަސްވާ ކަމުގައި ބުނެލިއެވެ.

"ބައްޕަ ބޭނުންވާ ގޮތަށް ކަންތައް ކުރަން ނޭނގިއްޖިއްޔާޔޯ؟" ޒިލާލު އަހާލިއެވެ.

"އިޓް ވިލް ބީ އޯކޭ.. ބައްޕަ ނުލާހިކު ކޫލް ވާނެ.. އެހެންނޫނަސް ބައްޕަ މިހާރު ދެކެނީ ތިއީ ބައްޕަގެ ދޮށީ ފިރިހެން ދަރިފުޅުގެ ގޮތުގައި ވިއްޔާ" ޝިއުނާ ހީލާފައި ވާހަކަ ދެއްކިއެވެ.

"ވިލް ޓުރައި މައި ބެސްޓު.. ޒިލާ ބޭނުންވަނީ ޝިއުއާއި ޝިއުގެ ބައްޕަ އާއި ދެމީހުން ޒިލާއަކީ ހަމަ ވަރަށް ރަނގަޅު މީހެކޭ ބުނާވަރު ކުރަން"

"ޒިލާއަކީ ރަނގަޅު މީހެކޭ! ކުރިންވެސް، މިހާރުވެސް އަދި ފަހުންވެސް.... ޝިއު އަބަދުވެސް ބުނާނީ މިހެން" ޝިއުނާ ވަރަށް ޔަގީންކަމާއިއެކު ވާހަކަ ދެއްކިއެވެ.

ގުރޭޝާ ރިނބުދޫއިން ގެނައި ގޯނބިލި ކޮތަޅު ހިފައިގެން ޒުހުދާ ކައިރިއަށް ދިޔައީ އެދުވަހު ހަވީރުއެވެ.

"އަޅޭ! މިއަދު އަހަރެން ހިތަށް އެރީ ގޯނބިލި މަތިން..ތަންކޮޅެއް ހިޔާ ޖެހިލީމާ ތިކަމާ ނުކުންނަން ހިތަށް އަރައިގެން މިހުންނަނީ" ގޯނބިލި ފެނުމުން ޒުހުދާގެ ކުޅުދިޔާވެގެން ދިޔައެވެ.

"ޒުހޫ ގޯނބިލި ކާހިތުން އުޅޭކަން އެނގިގެންނޭ މިއައީ" ގުރޭޝާ ހީލިއެވެ.

އެހިފައިގެން ބަދިގެއަށް ވަދެ ދޮވެލާފައި ތައްޓަކަށް އަޅައިގެން ގެނެސް ޒުހުދާއަތަށް ދިނެވެ. އަދި އެނާ ކައިރީގައި އުނދޯލީގައި އިށީނެވެ.

"ރޭގައިވެސް އުޅުނިން ގެނެސްދޭން... އެކަމަކު އަހަރެން ވަނުން އެހާ ރަނގަޅު ނުވާނެތީ އަޅާނުލީ"
ޒުހުދާ ބޯޖަހާލިއެވެ. ގުރޭޝާއަށް އެވަރު ވިސްނުނީތީ ވަރަށް އުފާވެއްޖެކަމުގައި ބުނެލިއެވެ.

"އަހަރެންވެސް މިހާރު ޤަބޫލުކޮށްފިން.... އެއީ މާޒީ ދެން މިހާރު އެކަމަކާ ނުވިސްނަން" ގުރޭޝާ ބުނެލިއެވެ. "ބޭބެ ވެސް ޝިއުނާއާއި އެކީގައި އުފަލުގައި އުޅެންޏާއެވީ...."

ގުރޭޝާ ވާހަކަ ދައްކަން އިނދެފައި އެއްލުނު ކަޅިއަކުން ލޮލުގައި އަޅައިގަތީ ބޭރު ރޯނުގައި ހިއްކަން އަޅާފައި ހުރި ރީނދޫ ކުލައިގެ ޓީޝާރޓެކެވެ. އެއީ ޒިލާލުގެ އެއްޗެއް ބާވައޭ ހިތަށް އެރިވަގުތު އޭނާގެ ހިތް އަވަސްވެގަތެވެ. ގުރޭޝާ ތެދުވިއެވެ. ގިފިއްޔަކަށް ގޮސްފައި އެބަ އަންނަމޭ ކިޔާފައި އޭނާ އެދިމާލަށް ހިނގައިގަތެވެ.

އެއީ ކުރިންވެސް ޒިލާލު މޫދަށް އެރެން ލާ ޓީޝާޓެކެވެ. އޭގައި ކަޅުއަޅި ކުލައެއްގެ ބޮޑު ލައްތަކެއް ޖެހިފައި ހުއްޓެވެ. ދެކޮޅު ހޯދާ ބަލައިލާފައި އެ ޓީޝާޓު ދަމައިގަނެގެން ގިފިއްޔަށް ވަނެއެވެ. އޭނާ ނުކުތީ އެޓީޝާރޓު ފަތްޖަހާލާފައި ލައިގެން ހުރި ހަރުވާޅުގެ ރަބަރުފަށުގެ ދަށަށް ޖަހާލައިގެންނެވެ.

ގުރޭޝާ ނުކުމެގެން އައި އިރު ޒުހުދާގެ މަންމަވެސް އެތާނގައި އިނެވެ. އެއީ ކޮންގެއެއްގެ ގޯނބިއްޔެއްތޯ އޭނާ އަހަލުމުން އެއީ ރިނބުދޫއިން ގެނައި އެއްޗެއް ކަމަށް ބުނެދިނެވެ. އޭނާ ބަދިގެއަށް ވަދެ އަމިއްލެއަށް ކޮފީ ތައްޓެއް ހަދައިގެން ނުކުމެ އެމީހުންނާއި ވާހަކަ ދައްކަން އިނީއެވެ. ޒުހުދާގެ މަންމަ އެތެރެއަށް ވަނީމާ ސިއްރުސިއްރުން ޝާހިދުގެ ވާހަކަ ގުރޭޝާއަށް ކިޔައިދިނެވެ. އޭނަ މިހާރު ޒިލާލުއާއި ހެދި ނޫޅޭކަން ޒުހުދާއަށާއި އަދި ރަށު އެންމެންނަށްވެސް އަންގަން އޭނާ ބޭނުމެވެ.

ރަށުން އައިގޮތަށް ޒިލާލު ފިހާރައަށް ދާން ފެށިއެވެ. ވަރަށް ކުޑަކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އޭނާ ވިޔަފާރީގެ ތެރެއަށް ވަނެވެ. އެހިސާބުން އޭނާ އެވިޔަފާރި އިތުރަށް ފުޅާކުރާނެ ގޮތްތަކާއި މެދު ވިސްނަންފެށިއެވެ. ފުރަތަމަ އެނާގެ ރަށުގައި ހުންނަ ފިހާރަތަކުގެ މީހުންނާއި ވާހަކަ ދައްކަން ފެށިއެވެ.

އެއްދުވަހަކު ޒިލާލު ފިހާރައިގައި އިންދާ އެފިހާރައިގައި ކާފޫރުތޮޅި ހުރިތޯ ބަލަން ބޭރު މީހެއް އައެވެ. އޭނާގެ ނަމަކީ ތަރިންދުކަމަށާއި އޭނާއަކީ ރިސޯޓުތަކަށް އެއްޗެތި ފޮނުވައި ދިނުމުގެ މަސައްކަތް ކުރާ އިންޑިޔާ މީހެއްކަމަށް އޭނާ ބުންޏެވެ. އޭނާއަކީ ސީދާ އިންޑިޔާއިން މުދާ އެތެރެކުރުމުގެ ކަންތައްވެސް ކުރާމީހެއް ކަމަށާއި ޒިލާލު ބޭނުމިއްޔާ ހެޔޮ އަގުގައި މުދާ ހޯދައިދީފާނަން ކަމުގައި އޭނާ ބުންޏެވެ. އެފިހާރައިގައި ހުރިއްޔާ ހުރިހާ ކާފުރުތޮޅިއެއް ގަނެގެން ހިފައިގެން ދަމުން ދިޔައީ އޭނާގެ ނަމްބަރު ޒިލާލުއަށް ދީފައެވެ. އެކަމާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުމިއްޔާ ގުޅާށޭ ކިޔާފައެވެ.

ޒިލާލު އޭނާގެ ބަފާބެ ކައިރީ އެވާހަކަ ދެއްކުމުން ތިއީ ވަރަށް ރަނގަޅު ޚިޔާލެއް ކަމަށް ޙަނީފު ބުނެލިއެވެ. އަދި އެކަމާ ވިސްނާ އެމީހާ ހުށަހަޅާ ގޮތަކީ ކޮބައިތޯ އޮޅުން ފިލުވަން ޒިލާލުއާއި ހަވާލު ކުރިއެވެ.

ޖެހިގެން އައި ދުވަހު ހަވީރު ފަހެއް ޖަހަން ވީއިރަށް ތަރިންދުއާއި ބައްދަލުކުރަން ހާބަރު ކެފޭ ސަރަހައްދަށް ޒިލާލު ދިޔައެވެ.

ތަރިންދުއާއި ދެމީހުން މޭޒެއްގެ ދޮށުގައި ވާހަކަ ދައްކަން ތިއްބާ މީހަކު ޒިލާލުއަށް ގޮވާލީމާ ބަލައިލިއިރު އެއީ ޝާހިދުއެވެ.

"ކައޭ ކޮބައިތޯ ބަލަން ގުޅަން ހިތަށް އަރައިގެން މިއުޅެނީ" ޝާހިދު އައިސް ހުއްޓެމުން ބުނެލިއެވެ. ޒިލާލު ތަރިންދުއަށް އޭނާ ތަޢާރަފު ކޮށްދިނެވެ. ރަށު ކުއްޖެކޭ ކިޔާފައެވެ. ތަރިންދު ކުޑައިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި ސަފާރީ ބޯޓެއްގައި އުޅުނިންތޯ އަހާލިއެވެ.

"ޔެސް، ޔެސް! އައި ނޯ ޔޫ" ޝާހިދު ގޮނޑި ދަމާލާފައި އިށީނެވެ.

މީނައަކީ ކުރިން އެމީހުންގެ ބޯޓަށްވެސް އެއްޗެތި ސަޕްލައި ކޮށްދިން މީހެކޭ ކިޔާ ޒިލާލު އަށް އޮޅުންފިލުވައި ދިނެވެ.

ޝާހިދު އަދިވެސް އުޅެނީ އެބޯޓުގައި ތޯ އޭނާ އަހާލީމާ މިއައީ އެބޯޓުން ފައިބައިގެން ކަމުގައި އޭނާ ބުނެދިނެވެ. ދެންބޭނުމީ ރަށުކޮޅުގައި ތަންކޮޅެއް ގިނައިން ހުރެވޭކަހަލަ ވަޒީފާއެކޭ ބުނެލިއެވެ.

"އައި އޭމް ތިންކިންގް އޮފް ގެޓިން މެރީޑް!" އެހެންބުނެލާފައި ޝާހިދުއަށް ބަލާލެވުނީ ޒިލާލުއާއި ދިމާލަށެވެ.
ވަގުތުން ތަރިންދު އޭނާއާއި ސަލާމްކޮށް މަރުޙަބާ ކިޔެވެ. އޭނާ އިންނަނީ ކޮން ޤައުމެއްގެ މީހަކާ ތޯ ތަރިންދު އަހާލިއެވެ.

"އަ ގާރލު ފުރޮމް މައި އައިލަންޑް..."

އެވަގުތު ޒިލާލު ތަރިންދުއާއި އެކީގައި ކުރަން އުޅޭ ކަންތަކުގެ ވާހަކަ ފަށާ އެމައުޟޫއު ބަދަލުކޮށްލިއެވެ. ޒިލާލުގެ ވިސްނުންހުރީ ހެޔޮ އަގުގައި އަތޮޅު ތެރޭ ފިހާރަތަކަށް ސަޕްލައި ކޮށްދިނުން ކަމުގައި އޭނާ ކިޔައިދިނެވެ.

"މަށަށް އެބައޮތް އަތޮޅު ސަޕްލައި ދޯންޏަށް އެރެން.. އެވަޒީފާއަށް ދާންވީދޯ؟ އޭރުން މަށަށްވެސް ތި ވިޔަފާރީގެ ތެރޭގައި ބައިވެރި ވެވޭނެއެއްނު!" އެހެންބުނެލާފައި އެވާހަކަ އިނގިރޭސިން ތަރިންދުއަށް ކިޔައިދިނެވެ.

ޝާހިދު ނައްޓާލީ އިތުރަށް ވާހަކަ ދައްކަން ފަހުން ޒިލާލުއަށް ގުޅާނަމޭ ބުނެފައެވެ. އޭނާ ދާންއުޅެން ފެށުމުން ތަރިންދު އޭނަގެ ނަމްބަރު އަތުލިއެވެ.

އޭނާ ދިޔުމުންވެސް ތަރިންދު އިތުރަށް ވާހަކަ ދެއްކިއެވެ. އެބުނާ ސަޕްލައި ބޯޓުގެ ވަޒީފާ ޝާހިދުއަށް ލިބިއްޖިއްޔާ އިތުރު ވިޔަފާރިވެސް ކުރެވޭނެއޭ ބުނެލިއެވެ. އޭރުން ޒިލާލު ބަފާބެއަށް އެނގިގެން ކުރާ ވިޔަފާރީގެ އިތުރަށް އެހެން ކުދިކުދި އެއްޗެތި އަމިއްލެއަށް ވިއްކިދާނެއޭ އޭނާ ބުންޏެވެ. އެއީ އެމީހުންގެ ސައިޑް ބިޒްނަސްކަމަށާއި އެއިން ލިބޭ ލާރިއަކީ އެތިންމީހުންގެ މެދުގައި ބެހޭނެ ލާރިކަމަށްވެސް ތަރިންދު އޮޅުންފިލުވައި ދިނެވެ. އެގޮތަށް ވިއްކާނީ ކޯޗެއްތޯ ޒިލާލު އަހާލިއެވެ. އެޔާއިއެކު އެއީ އެމީހުން ރަސްމީކޮށް ވިއްކާ އެއްޗެތި ނޫން އެހެން އެއްޗެތި ކަމުގައި ބުނެފައި ތަރިންދު ނިންމާލީއެވެ.

ޒިލާލު ގެއަށް އައިއިރު ހުރީ މާޔޫސްވެފައެވެ. އޭނާ މާޔޫސްވީ ހަމައެކަނި ޝާހިދު ގުރޭޝާއާއި އިންނަ ޚަބަރަކުންނެއްނޫނެވެ. އެމީހުން ދެއްކި ސައިޑް ބިޒްނަސްގެ ވާހަކައާއި ހުރެއެވެ. އޭނާއަކީ އަބަދުވެސް ތެދުވެރިކަމާއި އަމާނާތް ތެރިކަމާއި އެކީގައި، ކަމަށް ކަމޭ ހިތައިގެން ވަޒީފާ އަދާކުރަމުން އައި ޒުވާނެކެވެ. އަދި އަމުދުން ޝިއުނާގެ ބައްޕަގެ ވިޔަފާރިއަށް ވީތީ އެއީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކެ އެވިޔަފާރި ކުރިއެރުވުމަކީ އޭނާގެ އެންމެ ބޮޑު އަޒުމެވެ. އެހެންކަމުން އޭނާގެ ބަފާބެއަށް ވަގަށް ކަމެއް ކޮށްގެން ފަޅާއަރާ ބޮޑު ކަންތައްގަނޑަކަށް ވާކަށް އޭނާ ބޭނުމެއްނޫނެވެ. ޒިލާލު ނިދަން އޮށޯތީވެސް އެކަމާއި ފިކުރު ކުރަމުންނެވެ.

ޒިލާލުއަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. އޭނާ އެންމެ ފުރަތަމައިނުންވެސް ބަލައިލެވުނީ އޭނާ ވާތް ފަރާތަށެވެ. އޭނަގެ އަންހެނުން ފުރަގަސް ދީގެން ނިދާފައި އޮތްތަން ފެނުމުން ކޮނޑުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލަން މަސައްކަތް ކުރިއެވެ.

ޝިއުނާ އެނބުރިލާފައި ނީދީގައި އޮވެގެން ކިހިނެތްވީތޯ އަހާލިއެވެ. ޒިލާލުއަށް އޭނާގެ ކައިރީގައި އޮތީ އޭނާގެ އަންހެނުން ޝިއުނާކަން ޔަގީންވީ ހިނދު ހިތަށް ލުއިވެގެން ދިޔައެވެ. އަދި ޖަވާބުގައި ޝިއުނާގެ ގައިގަ ފިރުމަން ފެށިއެވެ. އޭނާއަށް ފެނުނު ހުވަފެނާއި އެއްގޮތަށެވެ. އެކަމަކު ހުވަފެނުގައި އޭނާއަށް ފިރުމުނީ ޝިއުނާގެ ގައިގައެއް ނޫނެވެ.

ޒިލާލުއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހާ ރީތިކޮށް ގުރޭޝާ ހުވަފެނުން އެފެނުނީ ކީއްވެގެން ހެއްޔެވެ؟ މިހާރަކަށް އައިސް އޭނާ ހަމަ ދޭތެރެއަކުން ގުރޭޝާ މަތިން ހަނދާންވަނީއެވެ. އެކަމާ އެނާ ވަރަށް ކަންބޮޑުވެއެވެ. އެއީ ޝާޑު އޭނާގެ ކައިރީގައި އެވާހަކަ ދެއްކިފަހުން ވާން ފެށިގޮތެކެވެ. ގުރޭޝާ ހަމަ އަސްލުވެސް ޝާޑު އާއި ކައިވެނި ކޮށްފާނެ ބާވައެވެ؟ ޝާޑުއަށް ގުރޭޝާ އުފަލުގައި ގެންގުޅެވިދާނެ ހެއްޔެވެ؟ އެކަހަލަ އެތައް ސުވާލެއް އެނާގެ ހިތަށް އަރާފައިބަމުން ދިޔައެވެ.

ނުނިމޭ