އަޒްމިރަލްދާގެ ދެ ވަނަ މައްސަލައިގެ އަޑުއެހުން ވެސް ހުޅުވާނުލާން ނިންމައިފި
އަޒްމިރަލްދާގެ ދެ ވަނަ މައްސަލައިގެ އަޑުއެހުން ވެސް ހުޅުވާނުލާން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ދެ ވަނަ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް ވެސް ހުޅުވާލައިގެން ކުރިއަށް ނުގެންދެވޭނެ ކަަމަށް ޖޭއެސްސީން އަންގައިފި އެވެ.

އަޒްމިރާލްދާގެ ގާނޫނީ ވަކީލު، އިބްރާހިމް ޝަމީލް މިއަދު ވިދާޅުވި ގޮތުގައި މި މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސްފި ނަމަ އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދެ އެވެ. އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ.

ދެވަނަ މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.

ފުރަތަމަ މައްސަލައިގެ އަޑުއެހުން ވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދުމުން ވެސް ޖޭއެސްސީން އެގޮތަށް ހަމަޖައްސައެއް ނުދިނެވެ.

ފަނޑިޔާރު އަޒްމިރަލްދާއާ އެކު މި ދެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ސުލޫކީ މައްސަލާގައި ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޑރ. އިސްމާއިލްގެ ބަންދާ ގުޅޭ ގޮތުން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކައެއް ދައްކާފައިނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.