15 މާޗް 2025 - 15:06

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ.ހަނިމާދޫން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
މެއި 15 އިން ފެށިގެން އެ ދަތުރުތައް ފަށާއިރު މާދަމާ އިން ފެށިގެން ޓިކެޓް ބުކިން ހެދުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، އެ ދަތުރުތައް ފެށުމުގެ ބޭނުމަކީ، އުތުރުގައި މޯލްޑިވިއަންގެ ދަތުރުތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ.
ބެންގަލޫރަށް ދަތުރުތައް ފެށުމުން އިގްތިސާދީ ގޮތުން ވެސް އެ ސަރަހައްދަށް އިތުރު ކުރިއެރުން ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއާ އެކު އިންޑިއާއިން އަންނަ ޓޫރިސްޓުންނަށް ވެސް އެ ސަރަހައްދުގެ ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް ފަސޭހަމާ އެކު އާދެވޭނެ އެވެ.
މޯލްޑިވިއަން އިން ހަފްތާއަކު ދެ ފްލައިޓު ހަނިމާދޫން ބެންގަލޫރަށް ބާއްވާނެ އެވެ. އެއީ ކޮންމެ އާދިއްތަ އާއި ބުރާސްފަތީގަ އެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިހާރު ވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުތައް ކުރާއިރު އިރު ބެންގަލޫރަށް ދަތުރުތައް ފެށުމަކީ އެކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.