15 މާޗް 2025 - 11:37

ދިރާގާ ގުޅިގެން "މިހާރު ބަދިގެ" މިއަދުގެ އެޕިސޯޑު ގެނެސްދޭނީ ދަނޑުވެރި، އއ. ތޮއްޑޫންނެވެ. މިއީ، މި ރަށުގެ ހާއްސަ ކެއުމެއް ކަމަށްވާ "ބޮށި މަސްހުނި" ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ ބޯށި މަސްހުންޏެވެ.

ސިއްހީ އެތައް ފައިދާއެއް އެކުލެވޭ މުރަނގަފަތާއި ބޯށި އެއްކޮށްފައި ހުންނަ މި މަސްހުނި މި ރަށުގެ ޖާފަތްތަކަށް ވެސް ހަދަ އެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) މިއަދު ބައްދަލުކޮށްލާނީ ވަރަށް މީރުކޮށް ކައްކާ ތޮއްޑޫގެ ޒުލްފައްތައާ އެކުގަ އެވެ. މި ރަށަށް އަންނަ މެހްމާނުންނަށާއި ބޮޑެތި ކެއުންތަކަށް ކެއްކުމުގައި ޒުލްފައްތަ އަކީ މި ރަށުގައި ނަން ހިނގާ އެކަކެވެ.
މި ޑިޝްގައި އެންމެ ތަފާތު ކަމަކީ މަސްހުނި މޮޑެން ބޯށި މަޑުކުރާ ގޮތެވެ. މުރަނގަފަތާ އެކު ކައްކަނީ ވަރަށް ސަމާލުކަންދީގެންނެވެ.
މި ޑިޝް ތައްޔާރުކުރާ އިރު، ތޮއްޑޫގެ ފެހިކަމުގެ ތެރެއިން ޑިޓިއުންބޭންޑްގެ އަހްމަދު ފުރުގާން (ފުޖީ) އާއި ފެޒޫގެ ހާއްސަ ލަވައެއް ގެނެސްދޭނެ އެވެ.
ބޯށި (ލޮނަށް ކޮށާފައި މުރަނގަފަތާ އެކު ފެނު ކައްކާފައި)
ފިޔާ (ކޮށާފައި)
ގިތެޔޮ މިރުސް
ވަޅޯ މަސް
މަސް ދަޅެއް
ހުނި
ލުނބޯ
ލޮނުކޮޅެއް
ދިރި އާއި އަސޭމިރުސް (ހިމުންކޮށް ފުނޑާފައި)
ޒުލްފާއްތަ ކިޔައިދިން ގޮތުގައި ބޯށި އެންމެ ފުރަތަމަ ޖެހޭނީ ފެނުގެ ތެރެއަށް ލޮނުކޮޅެއް އަޅާފައި އޭގެ ތެރެއަށް ކޮށާލާށެވެ. އޭގެ ފަހުން ފެންކޮޅެއް އުދާފައި ހޫނުވާން ފެށުމުން ބޯށިކޮޅު އަޅާނީ އެވެ. ކެކިގަތީމަ ފިލުވާފައި ހުރި މުރަނގަފަތްކޮޅު ވެސް ބޯށި ތެރެއަށް އަޅާނީ އެވެ. ދެބައި އެކުވެ ކެކި މަޑުވުމުން ރީއްޗަށް ފެން ފެލާލާފައި ބަަހައްޓާނީ އެވެ.
އޭގެ ފަހުން އާއްމުކޮށް މަސްހުނި މޮޑޭގޮތަށް ފިޔަ އާއި މިރުހާއި ލޮނާއި ލުނބޯ އެއްކޮށް އޭގެ ތެރެއަށް ދިރި އާއި އަސޭމިރުސް އަދި މަހާއި ހުނިކޮޅު އަޅާނީ އެވެ. ރަނގަޅަށް މޮޑެ ނިމުމުން ކައްކާފައި ހުރި ބޯއްޓާއި މުރަނގަފަތް އަޅައި އެއްކޮށްލާނީ އެވެ.
ޒުލްފައްތަ ބުނި ގޮތުގައި މި މަސްހުނި އެ މީހަކު ބޭނުންވާ އެއްޗަކާ އެކު ކެވޭނެ އެވެ. ރޮއްޓާއި ބަތްޕެނާ އެކު ވެސް ވަރަށް މީރުވާނެ ކަމަށް ބުންޏެވެ.