ތައިލެންޑް އެފްއޭގެ ކުރީގެ ރައީސަށް ވެސް ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ
ތައިލެންޑް އެފްއޭގެ ކުރީގެ ރައީސަށް ވެސް ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ

ތައިލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލައިގައި އެ އިދާރާގެ ކުރީގެ ރައީސަށް ދައުވާކޮށް ދިނުމަށް ހުށަހަޅަން ނިންމައިފި އެވެ.

ތައިލެންޑް އެފްއޭގެ ކުރީގެ ރައީސަށް ވެސް ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ
ތައިލެންޑް އެފްއޭގެ ކުރީގެ ރައީސަށް ވެސް ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ

ފެބްރުއަރީ 2016 އިން ފެށިގެން އަށް އަހަރުވަންދެން، ތައިލެންޑްގެ އެފްއޭގެ ރައީސްކަން ކުރެއްވި ސޮމިޔޯ ޕޫމްޕަންމޮންގެ ދައުރު މިދިޔަ އަހަރު ފެބްރުއަރީ މަހު ނިންމާލި އިރު އެސޯސިއޭޝަންގެ މާލީ ހާލަތު އަޑިއަޅާލައިގެން ގޮސްފައިވާ ކަމަށް ތައިލެންޑްގެ މީޑިއާތަކުން ބުނެ އެވެ.

އެ އެސޯސިއޭޝަންގެ މިހާރު ރައީސް ނުއަލްފާން ލަމްސަމް ވިދާޅުވީ ކުރީގެ ރައީސް ޕޫމްޕަންމޮންއާ ދެކޮޅަށް ދައުވާކޮށް ދިނުމަށް އެދެން ނިންމީ އެފްއޭއެގެ އެކްސްކޯ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރު އެ އިދާރާގެ ރައީސްކަމާ ހަވާލުވި ނުއަލްފާން ވިދާޅުވީ 105 މިލިއަން ބަޓް (ތައިލެންޑްގެ ފައިސާ) އިން އެ އެސޯސިއޭޝަން ދަރަނިވެރިވެފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ މަރުހަލާގައި 2020 ވަނަ އަހަރު ފީފާއިން ވެސް ފަސް މިލިއަން ޑޮލަރުގެ ލޯނެއް ތައިލެންޑް އެފްއޭއިން ނަގާފައިވާ ކަމަށް މެޑަލް ޕާންގްގެ ނަމުން މަޝްހޫރު ވެފައިވާ ނުއަލްފާން ވިދާޅުވި އެވެ.

"އަހަރެން ހަވާލުވި އިރު ދަރަނި ނޫން އެއްވެސް އެއްޗެއް ނެތް. މިހާލަތު ރަނގަޅު ކުރެވޭތޯ އަހަރެން މި ދަނީ އަހަންނަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަމުން،" ނުއަލްފާން ވިދާޅުވި އެވެ.

ޓީވީ ރައިޓްސްގެ އެއްބަސްވުން ބާތިލު ކުރުމުގައި ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށް ބުނެ، މީޑިއާ ކުންފުންޏަކަށް 560 މިލިއަން ބަޓް (ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު) ދެއްކުމަށް ވެސް ތައިލެންޑްގެ އެފްއޭގެ މައްޗަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ހުކުމް ކުރި އެވެ.