14 މާޗް 2025 - 21:09

ލަނޑާ ނެގުމުގެ މަސައްކަތްކުރަމުން ދިޔަ ދިވެއްސަކަށް ފަރުތޮޅި (ބަރަކޫޑާ)އެއް ހަމަލާދީގެން އިންޑިއާއަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.
އީންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން 32 އަހަރުގެ ފިރިހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ރާއްޖޭގަ އެވެ.
ނަމަވެސް ހާލު ސީރިއަސް ކަމުން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް، އަމްރިތާ ހޮސްޕިޓަލުގާ ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ވެ އެވެ.
އަމްރީތާ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ތޮޅި ހެރިފައި ހުރީ އެ މީހާގެ މައިބަދައަށް ކަމަށެވެ. ވަރަށް ފުންކޮށް ތުންގަނޑު ހެރިފައި ހުރިއިރު އެ މަހުގެ ދަތްތައްވެސް މައިބަދައިގެ މަސްގަނޑުގެތެރޭގައި ހަރުލާފައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އޭގެ ސަބަބުން އެ މީހާގެ އަތާއި ފައި އައްސިވެފައިވާ ކަމަށާއި އިންޑިއާގެ ޑޮކްޓަރުން ކުރި އޮޕަރޭޝަނަށްފަހު އެ މީހާގެ މަސްގަނޑު ތެރެއިން މަހުގެ ދަތުގެ 10 އެތިކޮޅު ނަގާފައިވެ އެވެ.
ނަމަވެސް މިހާރު އެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
ފަރުތޮޅި އަކީ މޫދުގައި އުޅޭ އެންމެ ދަތްތައް ތޫނު މަސްތަކުގެ ތެރެއިން އެއް މަހެކެވެ. ފީނާ މީހުންގެ ފަހަތުގައި ވަރަށް ގިނަ ފަހަރު ފަރުތޮޅި އުޅޭ ނަމަވެސް ފަރުތޮޅިއަކީ ގަސްދުގައި އިންސާނުންނަށް ހަމަލާދޭ މަހެއް ނޫނެވެ.