ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ އީސީން ކުށްވެރިކޮށްފި
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ އީސީން ކުށްވެރިކޮށްފި

އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ކުށްވެރިކޮށްފި އެވެ.

ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ އީސީން ކުށްވެރިކޮށްފި
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ އީސީން ކުށްވެރިކޮށްފި

އީސީން އެކަން ކުށްވެރި ކުރިއިރު، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ދަނީ އާންމުވެފަ އެވެ.

މަންދީގެ އެ ވާހަކަތައް ކުށްވެރިކޮށް، އީސީން ނެރުނު ބަޔާނުގައި ވަނީ ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލާގައި ރޭ އީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނައި ގަވާއިދާ ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން އެ ޕާޓީތަކަށް ހަނދާން ކޮށްދޭ ކަމަށެވެ.

އީސީން ބުނީ އެމްޑީޕީން މި ދުވަސްވަރު ހިންގަމުންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން އެ ކޮމިޝަނުން ކުށްވެރިކުރެ އެވެ.

"އަދި ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި ހަގީގަތާ ހިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވެ،" އީސީގެ ބަޔާނުގައި ވެ އެވެ.

އެ ކޮމިޝަނުން ވަނީ ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ.